ކުޑަހުވަދޫ އަތުން ފަސޭހަ މޮޅެއް ހޯދާ ނިއުރޭޑިއަންޓް ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ނިއުރޭޑިއަންޓާއި ކުޑަހުވަދޫ ވާދަކުރި މެޗު ނިއު ކާމިޔާބުކުރީ ހަޔެއް ސުމަކުންނެވެ. މެޗުގައި ނިއުރޭޑިއަންޓުން ޖެހި ހަ ގޯލުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ އަލީ އަޝްފާގެވެ. އަނެއް ހަތަރު ލަނޑު ޖަހައިދިނީ އެދްރިއަން ގަލާޑޯ، އަލީ ފާސިރު، ސްޓެވަން މާކޮވިޗް އަދި ހަސަން އަދުހަމްއެވެ. މިއީ ދިވެހި ޕްރިމިއަރ ލީގުގައި މި އަހަރު ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ،
މި ނަތީޖާއާއިއެކު ނިއުރޭޑިއަންޓްވަނީ ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. ނިއުއަށް 15 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައިވާ މާޒިޔާއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.
މެޗަށްފަހު ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރުޒޯން ބުނީ މެޗަށް ނިކުތީ ދެ ކަމެއް ހާސިލްކުރަންކަމަށާއި، ދެ ކަންތައްވެސް ވަރަށް ރަނގަޅަށް ހާސިލްވެއްޖެކަމަށެވެ.
އޭނާ ބޭނުންވާ ގޮތަށް ބޭނުންވާ ސްޓައިލްގެ ކުޅުމެއް ކުޅުންތެރިންގެ ފަރާތުން ފެނުނުކަމަށާއި، ކޮންމެ ކުޅުންތެރިއަކުވެސް ޒިންމާ ވަރަށް ރަނގަޅަށް އަދާކުރިކަމަށް ކޯޗު ބުންޏެވެ. އޭނާ ބުނީ މިހާރު މުހިންމީ ތާވަލްގެ އެއްވަނައިގައި ދެމި އޮންނަން އެއްވަރެއްގެ ކުޅުމެއް ކުރިއަށް ހުރި މެޗުތަކުގައި ދެއްކުންކަމަށާއި، އެއީ ފަސޭހަކަމަކަށް ނުވާނެކަމަށެވެ.
"މެޗަށް ނިކުތީ ދެ ކަމެއް ހާސިލްކުރަން، ފުރަތަމަ ކަމަކަށް މޮޅެއް ހޯދައި އެއްވަނައަށް ޖެހިލަން، ދެވަނަ ކަމަކަށް ފައިދާ ގޯލް ގިނަ ކުރަން، ދެ ކަންތައްވެސް ހާސިލްވި، އެހެންވީމަ ހިތްހަމަޖެހިފައި މިހިރީ" އޮސްކާ ބުރުޒޯން ބުންޏެވެ.
މެޗަށްފަހު ކުޑަހުވަދޫގެ ކޯޗު މުޙައްމަދު ޝިޔާޒް ބުނީ މުހިންމު ތިން ކުޅުންތެރިއަކު ނުލައި މި މެޗަށް ނިކުންނަން ޖެހުމުން އުނދަގޫތަކެއް ދިމާވިކަމަށާއި، ގިނަ ލަނޑުތަކަކީ އާދައިގެ މިސްޓޭކްސްތަކެއްކަމަށެވެ. މިފެންވަރުގެ ފުޓްބޯޅައިގެ ތަޖުރިބާ މަދުވުމަކީވެސް ނަތީޖާގެ ފަރަގުބޮޑުވި މައިގަނޑު އެއް ސަބަބުކަމަށާއި، ނިއުރޭޑިއަންޓް ކަހަލަ ޓީމަކާއި ވާދަނުކުރެވޭނެކަން މާ ކުރިންވެސް އިނގޭކަމަށް ކޯޗު ބުންޏެވެ.
"އަހަރުމެން މިއަދު ނިކުތީ މުހިންމު ކުޅުންތެރިންނަށް ނުކުޅެވޭތީ އައު ކުޅުންތެރިން ލައިގެން، އުމުރުން 16 އަހަރުގެ ދެ ކުދިން މިއަދު ކުޅުނު، ލަނޑުތަކުގައި ހަމަ އާދައިގެ މިސްޓެކް ފެނުނީ، ދެން އިނގޭ ނިއުއާއި ވާދަކުރާއިރު މިހެން ވެދާނެކަންވެސް" ޝިޔާޒް ބުންޏެވެ.