އިންޑިޔާގައި ބާއްވާ ތްރީއޮންތްރީ ބާސްކެޓް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ކިންގްސް ބާސްކެޓްބޯޅަ ކުލަބަށް ލިބިއްޖެއެވެ. އިންޑިޔާގެ ނިއުދިއްލީގައި ބާއްވާ މި މުބާރާތަކީ އަންނަ އަހަރު މެކްސިކޯގައި ބާއްވާ ވޯލްޑް ތްރީއޮންތްރީ ޓުއާގެ ކުރިން ބާއްވާ ފެސްޓިވަލް މުބާރާތެކެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ވޯލްޑް ތްރީއޮންތްރީގައި ވާދަކުރުމުގެ ހުރިހާ ހަރަދެއް ދޭނެ. އިންޑިޔާގައި މިމަހުގެ 16އިން 17 އަށް ބާއްވާ މުބާރާތުގައި ވާދަކުރާނީ 12 ޓީމެކެވެ. އެއީ އިންޑިޔާގެ ހަ ޓީމަކާއި އިންޑިޔާއިން ބޭރުން ހަ ޓީމެވެ. އިންޑިޔާއިން ބޭރުން ވާދަކުރަނީ ޖަޕާނުގެ ތިން ޓީމާއި މެލޭޝިޔާގެ ގައުމީ ޓީމާއި ސްރީލަންކާގެ ޕްރެޒިޑެންޓް ޓީމާއި ރާއްޖޭގެ ކިންގްސް ބާސްކެޓްބޯޅަ ޓީމެވެ.
ކިންގްސް ބާސްކެޓްބޯޅަ ކުލަބުގެ ޗެއަރމަން މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ މި މުބާރާތުގައި ކިންގްސް ޓީމް ތަމްސީލްކުރާނީ ކިންގްސްގެ ކުޅުންތެރިންގެ ތެރެއިން ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމުގައި ނުހިމެނޭ ކުޅުންތެރިންކަމަށެވެ. އަދި މި ހަތަރު ކުޅުންތެރިންނަކީވެސް މީގެ ކުރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ ކުޅުންތެރިންކަމަށެވެ.
"މި ނެގި ހަތަރު ކުޅުންތެރިންނަކީ ރާއްޖޭގައި ބާއްވާ ތްރީ އޮން ތްރީ މުބާރާތްތަކުގައި ވާދަކުރާ ކުޅުންތެރިން، މީގެ ތެރެއިން ތިން ކުޅުންތެރިންނަކީ ގައުމީ ޓީމަށްވެސް ކުޅެފައިތިބި ކުދިން. އެހެންވީމަ ހަމަ ރަނގަޅު ޓީމެއް މިއޮތީ ނަގާފައި." މުންދު ފާހަގަކުރެއްވިއެވެ.
މުބާރާތުގައި ވާދަކުރާ ކިންގްސް ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ އަހުމަދު ނަޖީލް، އިމްރާން އަހުމަދު، ހައިޝަމް ދާއޫދު، އަދި މުޙައްމަދު ޚުވައިލިދެވެ. ޓީމްގެ ކެޕްޓަނަކީ ނަޖީލެވެ.
މި މުބާރާތް އިންތިޒާމްކުރާ ވައިކޭބީކޭ ޕްރައިވެޓް ލިމިޓެޑުން ބުނީ މިއީ އިންޑިޔާގެ ބާސްކެޓް ދުނިޔޭގެ ފެންވަރުގައި އިތުރަށް ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މީގެ ތެރެއިން ސަރަހައްދީ ގައުމުތަކަށް ވެސް ފުރުސަތުދޭން ނިންމީ އިންޑިޔާ މެދުވެރިކޮށް އޭޝިޔާގެ ބާސްކެޓްބޯޅަ އަށް އެހީތެވެދިނުމުގެ ގޮތުން ކަމަށެވެ.