ކުޅިވަރު

ވޭލްސް ކޯޗު ކޯލްމަންގެ ތަޢުރީފް ޒުވާން ވުޑްބާރންއަށް


ވޭލްސްގެ 17 އަހަރުގެ އެޓޭކިން މިޑްފީލްޑަރު ބެން ވުޑްބާރން އަކީ ކުރިމަގުގައި ގެރެތް ބޭލް އާއި ރަޔަން ގިގްސް ފަދަ ކުޅުންތެރިއެއްކަމަށް ގައުމީ ކޯޗު ކްރިސް ކޯލްމަން ފާހަގަކޮށްފިއެވެ.

ލިވަޕޫލްގެ ރިޒާވް ޓީމުގެ ވުޑްބާރނަށް ވޭލްސްގެ ކޯޗު ތައުރީފް އޮއްސާލީ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އޮސްޓްރިއަ އަތުން 1-0އިން މޮޅުވި މެޗުގެ ފަހު ހާފުގައި ނުކުޅެން ނުކުމެ ވުޑްބާން ޓީމު މޮޅުކޮށްދިނުމުންނެވެ. ރޭގެ މެޗުގެ މޮޅުނުވިނަމަ އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ހުރިހާ ބާރެއް ވޭލްސް އަށް ގެއްލިގެންދާނެއެވެ.

މި މެޗުގައި ޖެހި ގޯލާއެކު ވުޑްބާރން ވެގެންގޮސްފައިވަނީ ގައުމީ ޓީމަށް ގޯލު ޖަހައިދިން ދެ ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އެންމެ ޒުވާން އުމުރެއްގައި ގޯލު ޖަހާދީފައިވަނީ ގެރެތް ބޭލްއެވެ. 2006 ވަނަ އަހަރު ސްލޮވާކިޔާ ކޮޅަށް އޭނާ ގޯލު ޖެހީ 17 އަހަރާއި 35 ދުވަހުންނެވެ. ރޭ ވުޑްބާން ގޯލުޖެހިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 322 ދުވަހެވެ.

ކޯލްމަން ބުނީ ވުޑްބާރނަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ރޭގެ މެޗުގައި އޭނާ ކުޅެން ނުކުތުމާހަމަ އަށް ވޭލްސް ޓީމު އޮތީ ވަރަށް ބޮޑަށް ނިދާފައި ކަމަށެވެ. އަދި ތަޖުރިބާކާރު އެތައް ކުޅުންތެރިންނެއް ތިއްބައި ވުޑްބާން ރޭގެ މެޗުގައި އަދާކޮށްދީފައިވަނީ އެފަދަ ޒުވާން ކުއްޖަކު ނަގަންނުޖެހޭ ފަދަ ބޮޑު ޒިންމާއެއް ކަމަށާއި، ނަމަވެސް ވުޑްބާރންގެ ގޯލާއެކު ޓީމުގެ ކުޅުންތެރިންނަށް އާ ހިތްވަރެއް ލިބުނު ކަމަށެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި ވުޑްބާންގެ ކުރިމަގު ވަރަށް އުޖާލާ ކުޅުންތެރިއެއް ކަމަށް ވެސް ކޯލްމަން ވަނީ ސިފަކޮށްފައެވެ.

ވުޑްބާން އަކީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަރަށް ބޮޑަށް ސަމާލުކަންދޭ ކުޅުންތެރިއެކެވެ. މަދުމަދުން ކުޅުމުގެ ފުރުސަތު ދެމުން އަންނައިރު ކުރިމަގުގައި ލިވަޕޫލްގައި ސްޓީވަން ޖެރާޑްގެ ރޯލު އަދާކުރާނީ އޭނާ ކަމަށް ލިވަޕޫލްގެ ކުރީގެ ތަރިން ވެސް ވަނީ ބުނަން ފަށާފައެވެ.