މިއަހަރުގެ ހައްޖުގެ މާތް އަޅުކަމުގެ ތެރޭގައި ސައުދީ ޢަރަބިއްޔާގައި ފެތުރިދާނެ ބަލިމަޑުކަމަކަމަށް ނުވަތަ އަޅުކަމުގެ ތެރޭގައި ހިނގާފާނެ ހާދިސާއަކަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ސައުދީގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ސައުދީ ޢަރަބިއްޔާއިން ބުނެފައިވަނީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭރުގެ ގައުމުތަކުން އެގައުމަށް އެކެއް ޕޮއިންޓް ހަތެއް ތިނެއް ފަހެއް މިލިއަން މީހުން މިހާތަނަށް އައިސްފައިވާ ކަމަށެވެ.
ސަޢުދީ ޢަރަބިއްޔާގެ ސިއްޙަތާ ބެހޭ ވުޒާރާގެ އޮފިޝަލް ހުސެއިން ޣަނާމް ވިދާޅުވީ، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ހިނގާފާނެ ޙާދިސާއަކަށް އެގައުމުގެ އޮފިޝަލުން ފުރިހަމައަށް ތައްޔާރަށް ތިބި ކަމަށެވެ.
މި ގޮތުން، ފުރިހަމަ ސިއްހީ އެހީދެވޭނެ ފަދަ އިންތިޒާމުތައް ހިމެނޭ އެމްބިއުލާންސްތަކެއް ހައްޖުވެރިން ތިބޭ ސަރަހައްދުތަކުގައި އަބަދުވެސް ހަރަކާތެތެރިވާނެ ކަމަށާ މި އެމްބިއުލާންސްތަކަކީ އިންޓެންސިވް ކެޔަރ ޔުނިޓެއްގައި ދެވޭނެ ފަދަ ފަރުވާ ދެވޭނެފަދަ އުޅަނދުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ހައްޖުގެ އަޅުކަމުގައި ދިމާވެދާނެ އެއްވެސް މައްސަލައަކާ ކުރިމަތިލުމަށް ތިރީސްހާސް ހެލްތު ވަރކަރުން މަސައްކަތް ކުރާނެ ކަމަށާއި ސައުދީ ޢަރަބިއްޔާގެ ހޮސްޕިޓަލްތަކުގައި ފަސްހާސް އެނދު މިކަމަށް ހުސްކޮށްފައިވާކަމަށް ސައުދީ އޮފިޝަލުން މަޢުލޫމާތުދެއެވެ.
ސައުދީ ޢަރަބިއްޔާގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓް ޖަމާޢަތުން ބުނެފައިވަނީ މި އަހަރުގެ ހައްޖު މޫސުމުގައި އެހީވުމަށް އެޖަމާޢަތުން ސައުދީ ސަރުކާރަށް 350 އެމްބިއުލަންސާއި ހަތަރު ހެލިކަޕްޓަރު ދީފައިވާކަމަށެވެ.