ޚަބަރު

ޖާނަލަޒިމް އެވޯޑްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ޖާނަލަޒިމް އެވޯޑްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުމުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުގެ އެއްބަސްވުމެއްގައި ޕަބްލިކް ސަރވިސް މީޑިޔާއާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ސޮއިކޮށްފިއެވެ.

ޖާނަލަޒިމް އެވޯޑްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުމުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ސެނެކޯމާލަމުގައި ކުރިއަށްދިޔަ ހަފްލާގައި، ދެފަރާތުން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކޮށްފައިވަނީ، މީޑިއާ ކައުންސިލުން އިންތިޒާމް ކުރާ ނޫސްވެރިކަމުގެ އެވޯޑާއި، ޕަބްލިކް ސަރވިސް މީޑިއާ އާ ގުޅިގެން ހޭލުންތެރިކަމުގެ ޓީވީ ޕްރޮގްރާމެއް އުފެއްދުމަށާއި، މީޑިއާގެ އާޖީލެއް ބިނާކުރުމަށް ދެފަރާތްގުޅިގެން މަސައްކަތްކުރުމުގެ ގޮތުންނެވެ. މި އެއްބަސްވުމުގެ ދަށުން މީޑިޔާ ކައުންސިލުން އިންތިޒާމްކުރާ "ނޫސްވެރިކަމުގެ އިނާމު 2016" އަގަކާ ނުލާ ޕީއެސްއެމްއިން ބްރޯޑްކާސްޓް ކޮށްދިނުމާއި، ހަފްލާއަށް ބޭނުންވާ ލައިޓިންގ އަދި ސައުންޑް ހަމަޖައްސައި ދިނުމާއި، ދެފަރާތް ގުޅިގެން އެއްއަހަރު ވަންދެން ހަފްތާއަކު އެއްފަހަރު ހޭލުންތެރިކުރުމުގެ ޓީވީ ޕްރޮގްރާމް އުފެއްދުމާއި، މީޑިއާގެ އާ ޖީލެއް ބިނާކުރުމަށް ދެފަރާތް ގުޅިގެން ތަމްރީންތައް ހިންގުމާއި އަދި މީޑިއާގެ އާ ޖީލެއް ބިނާކުރުމަށް ޓަކައި ޙާއްސަ މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ އިނާމް 2016 ފިޔަވައި އިވެންޓްތަކަށާއި ޕްރޮގްރާމްތަކަށް ސޮޕޮންސަރޝިޕް ހޯދުން ހިމެނެއެވެ.

އެއްބަސް ވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވީ ރާއްޖޭގައި ކުރެވޭ ނޫސްވެރިކަން ދުވަހުން ދުވަހަށް ކުރިއަރާ ފުޅާވެ ތަރައްޤީވަމުން އަންނަކަމަށެވެ. އަދި ބިނާކުރަނިވި ނޫސްވެރިކަމަކަށް، ރާއްޖޭގައި މިހާރު ނޫސްވެރިކަން ކުރާ ފަރާތްތަކަށް އެކަމުގެ ތައުލީމާއި ތަމްރީނު ބޭނުންވާކަމަށެވެ. އިކްރާމް އިތުރަށް ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއަށް ނުކުންނަ އާ ކުދިންނަކީ ސްކޫލް ނިންމާފަ މި ދާއިރާއަށް ވަންނަކުދިންކަމަށާއި، ނޫސްވެރިންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި، ޕަބްލިކް ސަރވިސްމީޑިއާ އިން މެލޭޝީއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީއަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި އެ ޔުނިވަރސިޓީގެ ކެމްޕަހެއް ކުރިއަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި ޤާއިމްކުރެވިގެންދާނެކަމަށް އިކްރާމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން ވިދާޅުވީ މިއެއްބަސްވުމަކީ ނޫސްވެރިންނަށް އެކިކަންކަމުގައި މަގުފަހިކޮސްދިނުމަށް ވެވުނު އެއްބަސްވުމެއްކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއެކު، ޕީއެސްއެމުން ވެވުނު އެއްބަސް ވުމަކީ އެއްއަހަރު ދުވަހުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ނޫސްވެރިނަށް ބޭނުންވާ އެކި ކަހަލަ ޕްރޮގްރާމްތަކާއި، ޓްރެއިނިންގތައް ކުރިއަށްގެންދިޔުމަށްވަނީ އެއްބަސްވެފައެވެ.