ވަރުގަދަ މާޒިޔާއިން ށ.މިލަންދޫ އަތުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ށ.މިލަންދޫ ވާދަކުރި މެޗް މާޒިޔާއިން ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ހަސަން ޝިފާޒް، އަހުމަދު އިމާޒް، އިސްމާއިލް އީސަ އަދި އަސަދުﷲ އަބްދުﷲގެ އިތުރުން ބިދޭސީ ފޯވާޑް އަންދެރޭ ކެރިކަށްވެސް ހުސް ގިނަ ފުރުސަތުތަކެއް ލިބުނެވެ. ފުރަތަމަ ހާފްގައި ލިބުނު އަނިޔާއަކާއި ގުޅިގެން މާޒިޔާއަށް ޖެހުނީ ކެޕްޓަން އަސަދުﷲ އަބްދުﷲ ބަދަލަކުރާށެވެ.
ދެވަނަ ހާފްގައިވެސް މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެޓީމަށް މިލަންދޫގެ ގޯލް ފޫއަޅުވާލެވުނީ މެޗުގެ 83 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަންދްރޭ ކެރިކެވެ. ލަނޑަށްފަހުވެސް މާޒިޔާގެ ކެރިކް އަދި އުމެއިރަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ.
މެޗުގައި ށ.މިލަންދޫވެސް މާޒިޔާގެ ގޯލަށް ހަމަލާތަކެއް ފޮނުވާލިއެވެ. ކައުންޓާރ އެޓޭކުގައި މިލަންދޫގެ މުޙައްމަދު ޒާމީރު އަދި އިޝާން އިބްރާހިމް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މާޒިޔާގެ ކީޕަރު މަހުމޫދު އަލް ޔޫސުފެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިކު ކުޅުނު ތިން މެޗް ކާމިޔާބުކޮށް މާޒިޔާވަނީ ލީގު ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ތާވަލްގެ ދެވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކުލަބެވެ، ތިންވަނައިގައި އޮތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އަދި ހަތަރުވަނައިގައި އޮތީ ކުލަބު ގްރީން ސްޓްރީޓްސްއެވެ. ޓީސީ، ނިއު އަދި ގްރީނަށްވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ.
ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ބުދަދުވަހުގެ ހަވީރެވެ. ބުދަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ޓީސީ ނިކުންނާނީ މިލަންދޫއާއި ދެކޮޅަށެވެ. ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުގައި މާޒިޔާ ނިކުންނާނީ ގދ. ތިނަދުއާއި ދެކޮޅަށެވެ.