ކުޅިވަރު

ރޮނާލްޑޯގެ ރަތްކާޑާއިމެދު ޒިދާން ހިތްހަމަނުޖެހިފަ


ސްޕެނިޝް ސުޕަރ ކަޕްގެ ފުރަތަމަ ލެގު ރެއާލްމެޑްރިޑުން ކާމިޔާބުކުރިއިރު މެޗުގައި ފޯވާޑް ރޮނާލްޑޯއަށް ދެއްކި ރަތްކާޑައި މެދު ޒިދާން ހިތްހަމަނުޖެހިއްޖެއެވެ. ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު މިމެޗް ރެއާލް ކާމިޔާބުކުރީ 3-1 ންނެވެ.

މެޗުގެ ފުރަތަމަ ލަނޑަކީ ޕީކޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެސީގެ ޕެނަލްޓީން ބާސެލޯނާ ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް, ރެއާލްއަށް ލީޑު ހޯދަދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮނާލްޑޯއެވެ. ރޮނާލްޑޯ ލަނޑު ޖެހިތާ ދެ މިނިޓް ފަހުން އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ވަނީ ފޮނުވާލާފaއެވެ. ރޮނާލްޑޯއަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ޕެނަލްޓީއެއް ހޯދަން ޑައިވް ކުރިކަމަށް ބުނެއެވެ. ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މާކޯ އަސަންސިއޯއެވެ. 

މެޗަށްފަހު ރެއާލްމެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ ރޮނާލްޑޯއަށް ދެއްކި ރަތްކާޑަކީ ތަންކޮޅެއް ހަރުކަށި އަދަބެއްކަމަށާއި، ރޮނާލްޑޯ ގަސްތުގައި ޕެނަލްޓީއެއް ހޯދަން ޑައިވް ނުކުރާނެކަމަށެވެ. 

ފުރަތަމަ ލެގުން މޮޅުވިނަމަވެސް ޗެމްޕިއަންކަން ނުލިބޭ ކަމަށާއި، ބުރަ މަސައްކަތް ކުރަން ޖެހޭނީ ދެވަނަ ލެގުގައި ކަމަށްވެސް ޒިދާން ބުންޏެވެ. ޚާއްސަކޮށް އަމިއްލަ ދަނޑުގައި ސަޕޯޓަރުންގe ކުރިމަތީގައި މޮޅުވުން މުހިންމުކަން ޒިދާން ފާހަގަ ކުރިއެވެ. 

"ރަތްކާޑު ތަންކޮޅެއް ހަރުކަށި، ގަސްތުގައި ރޮނާލްޑޯ އެހެން ހަދާނެއެކޭ އަހަންނެއް ނުބުނާނަން. މިހާރު އެކަން ނިމިއްޖެ. ދެން އޮތީ ދެވަނަ ލެގަށް ތައްޔާރުވުން" ޒިދާން ބުންޏެވެ.

ބާސެލޯނާއާ ރެއާލްމެޑްރިޑް ވާދަކުރާ ދެވަނަ ލެގުގެ މެޗް އޮންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ދޭއް ޖަހާއިރެވެ. މިމެޗް ކުޅޭނީ ރެއާލް ދަނޑުގައެވެ.