1500 އިލެކްޓްރިޝަނުން ތަމްރީންކުރުމަށް ފެނަކަ ކޯޕަރޭޝަނާއި، މޯލްޑިވްސް ޕޮލިޓެކްނިކުން އެއްބަސްވެއްޖެއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފްއެވެ.
މި އެއްބަސްވުމުގެ ދަށުން، ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރަމުންދާ ތަމްރީން ލިބިފައިނުވާ 1200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީންކުރުމަށް ރާވާފައިވެއެވެ. ސޮއިކުރެއްވުމަށްފަހު އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ވަޒީފާތަކަށް ތަމްރީން ލިބިފައިތިބި ޒުވާނުންތަކެއް ނެރުމަށް، ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮށްފައިވާ ކަމަށެވެ.
މި ސަރުކާރުން މިހާތަނަށް 8500 އަށްވުރެ ގިނަ ޒުވާނުންނަށް އެކި ދާއިރާތަކުން ތަމްރީންކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފެނަކަ ކޯޕަރޭޝަނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ޕޮލިޓެކްނިކްގެ ފަރާތުން ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިލެކްޓްރިޝަނުން ތަމްރީންކުރުމުގެ ކޯސްތައް ހިންގާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/15020972686692.jpg|އިލެކްޓްރިޝަނުން ތަމްރީންކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް / ފޮޓޯ: ޕީއެސްއެމް ނިއުސް
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މި ތަމްރީންތައް ނިމޭއިރު، ފެނަކައިގެ ގިނަ މުވައްޒަފުންނަކީ އޭ ލައިސަންސްގެ އިލެކްޓްރިޝިއަނުންނަށް ވެގެންދާނެ ކަމަށެވެ. އަދި މި ތަމްރީންތަކުގެ ސަބަބުން ޒުވާނުންނަށް ކުރިއަށްދާނެ ރަނގަޅު ދާއިރާއެއް ފެނިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އެކި ދާއިރާތަކުން މީހުން ބިނާކޮށް، ކޯސްތަކާއި، ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތާއި، ޒުވާނުންގެ ސިޔާސަތުގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ކާމިޔާބު މަސައްކަތްތަކުގެ ތެރޭގައި، ބޭސްފިހާރަތަކުގައި މަސައްކަތްކުރާ ފާމަސިސްޓުން ތަމްރީންކުރުމާއި، ކޭޝިޔަރުންނާއި، ފޮޓޯގްރާފަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ބީ ޓެކް ސްޓްރީމްވެސް ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި މިހާރު ކިޔަވައިދެމުންދެއެވެ.