ޚަބަރު

އިތުރު މެކޭނިކަލް ޕާކިންގ އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަނީ


މެކޭނިކަލް ޕާކިންގގެ އިތުރު 2 ސިސްޓަމް އިންސްޓޯލްކުރުމުގެ މަސައްކަތާއި އިތުރު 3 ސިސްޓަމްގެ ފައުންޑޭޝަން މަސައްކަތް ފަށާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަލަށް ޤާއިމުކުރާ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ޤާއިމުކުރަނީ ހެންވޭރު ހީނާމާގޭ ސަރަޙައްދާއި ގާކޮށި ހުންނަ ސަރަޙައްދުގައެވެ.

މާލޭ ސިޓީއަށް ދިމާވެފައިވާ ޕާކުކުރުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ހައުސިންގ މިނިސްޓްރީއިން ވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި މެކޭނިކަލް ޕާރކިންގ ސިސްޓަމްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. ކާރު ޕާކުކުރުމަށް ޚާއްޞަކޮށް ފުރަތަމަ އިންސްޓޯލްކުރި މެކޭނިކަލް ޕާކިންގ ސިސްޓަމްގެ މަސައްކަތް ނިންމައި، މި ޖުލައިމަހުގެ ތެރޭގައި ވަނީ ބޭނުންކުރަން ފަށާފައެވެ. މި ސިސްޓަމަކީ ކުޑަ ޖާގައެއްގައި ދިހަ ކާރު ޕާކުކުރެވޭ ގޮތަށް ބޭނުންކުރެވޭ ސިސްޓަމެކެވެ. 

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މެކޭނިކަލް ޕާރކިންގެ، ކާރު އަދި ސައިކަލު ސިސްޓަމެއް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި، މި ސިސްޓަމްގެ މަސައްކަތް ވަރަށް އަވަހަށް ނިންމައި ބޭނުން ކުރަން ހުޅުވާލާނެކަމަށެވެ. މި ސިސްޓަމްތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގަލޮޅު ފުޓުބޯޅަ ދަނޑު ކަންމަތިން އޮންނަ ހީނާމާގޭ ބިމުގައެވެ. މިނިސްޓަރ ވިދާޅުވީ ސައިކަލަށް ޚާއްޞަ ދެ ސިސްޓަމާއި، ކާރު ޕާކުކުރުމަށް ޚާއްޞަ ސިސްޓަމެއްގެ ފައުންޑޭޝަން މަސައްކަތް ގާކޮށި ސަރަޙައްދުގައިވެސް ކުރިއަށްދާކަމަށެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ޤާއިމުކުރުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ތޮއްޖެހުން ބޮޑު ދިމަދިމާގައި ސިސްޓަމްތައް ބެހެއްޓުމަށްކަމަށެވެ. ޖުމްލަ ދިހަ ސައިކަލު ޕާކިންގ ސިސްޓަމާއި ދިހަ ކާރު ޕާކިންގ ސިސްޓަމް މިއަހަރު ނިމުގެ ކުރިން އިންސްޓޯލްކޮށް ޢާއްމުންނަށް ބޭނުންކުރަން ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

މާލެއަށް ދިމާވެފައިވާ ޕާކުކުރުމުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ރަސްފަންނު ސަރަޙައްދުގައި އަޅާ ހަތަރު ޓަވަރުގައި، ޕާކުކުރުމަށް ޚާއްޞަ ދެ ފްލޯ ހެދުމަށް ވަނީ ހަމަޖައްސާފައެވެ. މިއީ ފައްސަތޭކަ ކާރާއި ތިންސަތޭކަ ސައިކަލު ޕާކުކުރުމުގެ ޖާގައިގެ ޕާކިންގ ޒޯނެއްކަމަށް ހައުސިންގ މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.