ވިޔަފާރި

ފަސިންޖަރުންގެ އަތުން ސާރވިސް ޗާގް ނެގުމާބެހޭ ބިލްގެ އިސްލާހު ބަލައިގެންފި





ރާއްޖޭގެ އެއަރޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ބިލްގެއިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފިއެވެ.



މި ބިލްގެ އިސްލާހު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވި 22 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލް ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން މާވަށު ދާއިރާގެ މެމްބަރު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ ރާއްޖޭގެ އެއަރޕޯޓް ތަކުން ފުރާ ފަސިންޖަރުން އަތުން ނަގާ އެއަރޕޯޓް ސަރވިސް ޗާޖަކީ ހަމައެކަނި ބިދޭސީންގެ އަތުން ނެގޭ އެއްޗެއްކަމަށާއި، އެއީ ދިވެހި ފަސިންޖަރުން އަތުން ނަގާ އެއްޗެއް ނޫންކަމަށެވެ. އެހެންކަމުން އެއީ ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ތަކުލީފެއް ފޯރާނެކަމެއް ނޫންކަމަށް ބިލް ހުށަހަޅަމުން އޭނާ ވިދާޅުވިއެވެ.


 
ސަރުކާރުން ހުށަހަޅާފއިވާ މިބިލަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނި ރައްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއަރޕޯޓް ސާރވިސް ޗާރޖް 18 ޑޮލަރުން 25 ޑޮލަރަށް ބޮޑުކުރުމަށެވެ.



ބަހުސް މަރުހަލާގައި މި ބިލަށްބަހުސް ކުރެއްއްވި އިދިކޮޅު އެމްޑީޕީ މެމްބަރުން ވިދާޅުވީ އެމްޑިޕީ ސަރުކާރުގައިވެސް އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅިކަމަށާއި، ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން އެބިލް މަޖިލީހުން ބޭރުކޮށްލާފައިވާކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ދޭންބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމަށް އެބިލަކީ މުހިއްމު ބިލެއްނަމަވެސް ފަސިންޖަރުން އަތުން ބޮޑު އަދަދެއް ނެގުމަކީ ފަތުރުވެރިކަމަށް އަސަރު ކުރާނެކަމެއްކަމަށް އެމެމްބަރުން ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރަށް ތާއިދުކުރާ މެމްބަރުން ވިދާޅުވީ، އެއަރޕޯޓް ސާރވިސް ޗާޖަކީ ބިދޭސީ ފަސިންޖަރުން އަތުން ނެގޭ އެއްޗަކަށް ވީހިނދު ދިވެހި ރައްޔިތުޔުންނަށް އޭގެ އެއްވެސް ތަކުލީފެއް ނުފޯރާނެކަމަށެވެ.