ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ދެ ރަށެއްގައި ތިމާވެއްޓާއި ގުޅޭ ދެ މަޝްރޫޢެއް ފެށުމަށް މިއަދު ދިވެހި ސަރުކާރާއި އެދެރަށުގެ ރަށު ކައުންސިލާއި އަދި ޖަޕާން ސަރުކާރާއި މެދު 7.5 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިއަދު ޚާރިޖީ ވުޒާރާގައި އޮތް ދެ ރަސްމިއްޔާތެއްގައެވެ. މީގެ ތެރެއިން ފުރަތަމ މަޝްރޫއަކީ ގދ. ފަރެސްމާތޮޑާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ގޮތުން މިހާރު އެރަށުގައި ޤާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ބޭނުންވާ ބައެއް ވެހިކަލާއި އަލާތްތަށް އެރަށު ކައުންސިލަށް ދިނުމަށް ވެވުނު އެއްބަސްވުމެވެ. ޖުމްލަ 2 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ތެރެއިން، ކުނި އުފުލާނެ ލޮރީއަކާއި، ކުނި އަޅާނެ ބޮޑު ޑަސްބިންތަކުގެ އިތުރުން، އެކިބާވަތްތަކުގެ ކުނި ވަކިކޮށް އެކުނިތައް ނައްތާލާނެ އާލަތްތައް ހަދިޔާ ކުރެވޭނެ ކަމަށް ޖަޕާން އެންބަސީއިން ހާމަކުރެއެވެ.
މި މަޝްރުޢަކީ ޔޫ.އެން.ޑީ.ޕީއާއި މިނިސްޓްރީ އޮފް އެންވަރަމަންޓް އެންޑް އެނާޖީއާއި އަދި އެންވަޔަރމެންޓް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާންގެ އެމްބެސަޑަރ ނަބުހީޓޯ ހޯބޯ އަދި ފަރެސްމާތޮޑާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް މުހައްމަދު އައްސަދެވެ.
މިއަދު ސޮއިކުރެވުނު ދެވަނަ އެއްބަސްވުމަކީ ކ. ދިއްފުށީގައި ސޯލާ ހަކަތަ ބޭނުންކޮށްގެން 40 ކިލޯ ވޮޓްގެ ކަރަންޓް އުފެއްދުމާއި އަދި ހަމަ ސޯލާ ހަކަތަ ބޭނުންކޮށްގެން އައިސް އުފެއްދުމަށް ވެވުނު އެއްބަސްވުމެވެ. މި މަޝްރޫއަށް ޖަޕާން ސަރުކާރުން 5.5 މިލިއަން ދިވެހި ރުފިޔާ ޙަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
2011 ވަނަ އަހަރު ފެށުނު މި މަޝްރޫޢުގެ ދިރާސީ ފިޔަވަހިތައް މިހާރު ނިމިފައިވާއިރު، މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ކަންސައި އިލެކްޓްރިކް ޕަވަރ އާއި ސްޓެލްކޯ ގުޅިގެންނެވެ. މިއީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރ ޝިޕްގެ ދަށުން ހިންގޭ މަޝްރޫއެކެވެ. މި މަޝްރުޢުއަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސޯލާ ހަކަތައިން ކަރަންޓް އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ 200 މިލިއަން ރުފިޔާގެ މަޝްރޫއުގެ އެއްބައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރެއެވެ. އަދި މި މަޝްރޫޢު ކަމިޔާބު ކަމާއި އެކު ކުރިއަށް ގޮސްފި ނަމަ މިފަދަ އިތުރު މަޝްރޫޢުތަކެއް ރާއްޖޭގެ އެހެނިހެން ރަށްތަކުގައިވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
މާލޭގައި ކުރިއަށް ގެންދާ ކްލީން އެނާޖީ ޕްރޮމޯޝަން މަޝްރޫއަށް މިހާތަނަށް ޖަޕާން ސަރުކާރުން 12 މިލިއަން ޑޮލަރުގެ ހިލޭ އެހީވަނީ ވެދެއްވާފައެވެ.