ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ، ފުލުހުން ބައްލަވަމުން ގެންދަވާ މައްސަލައިގެ ތަޙްޤީޤަށް އެއްބާރުލުން ނުދޭތީއާއި، ފާރިސް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިނަމަ ތަޙްޤީޤަށް ހުރަސްއެޅޭނެތީކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން ނެއްރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ފާރިސް މައުމޫނާ ގުޅޭގޮތުން ބަލަމުންދާ މައްސަލާގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވިފައި ވީނަމަވެސް، ތަޙުޤީޤަށް ބޭނުންވާ އެއްބާރުލެއްވުން ލިބެމުން ނުދާކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ފާރިސްގެ ޢާއިލާއާއި ގާތްގުޅުމެއް އޮންނަ އަޙްމަދު ޞަފްވާން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް އެތައް ގޮތަކުން މަސައްކަތްކޮށްވެސް އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުނުވެ ރާއްޖެއިން ބޭރުގައި ފިއްލަވައިގެން ހުންނެވީ ފާރިސް މައުމޫންގެ އެހީތެރިކަމެއް އޮވެގެންކަމަށް ހޯމް މިނިސްޓްރީން ތުހުމަތުކުރައްވާފައިވެއެވެ.
އެހެންކަމުން ފާރިސް މައުމޫން ރާއްޖެއިން ބޭރަށް ވަޑައިގެންފިނަމަ ތަޙްޤީޤަށް ހުރަސްއެޅުއްވުމުގެ ގޮތުން އެނބުރިވަޑައިނުގެން ރާއްޖެއިން ބޭރުގައި މަޑުކުރެއްވުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖެއިން ބޭރަށް ފުރާވަޑައިނުގަނެވޭގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާ މައްސަލައިގައި ފާރިސް މައުމޫން ސޯޝަލް މީޑިއާގައި ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ހޯމް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވަމުން ގެންދަވާ ފާރިސް މައުމޫންގެ އެއްބަނޑު އެއްބަފާ ދެބޭފުޅަކަށް ފާރިސް ވިދާޅުވަމުން ގެންދަވާ ޢާއިލީ ގޮތުން ގާތް ބޭފުޅާގެ އަރިހަށް ރާއްޖެއިން ބޭރަށް ޒިޔާރަތްކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަގުފަހިކޮށްދީ ލުއި ފަސޭހަ ގޮތްތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެހެންކަމުން ދިވެހި ރައްޔިތުންގެ މެދުގައި އިންސާފުވެރިކަމާއެކު އެއްހަމައަކުން ޢަމަލުކުރުމަކީ މުހިންމުކަމެއް ކަމަށް ސަރުކާރުން ދެކޭކަމަށާއި، ތަޙުޤީޤީ މަރުހަލާގައިވާ މައްސަލައެއްގެ ތަހްޤީޤު ނިމުމުގެ ކުރިން އެއްވެސް މީހަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަކީ ތަހްޤީޤަށް ހުރަސްތަކެއް ކުރިމަތިވެދާނެކަމެއް ކަމަށް ބެލެވޭކަމަށްވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ފާރިސް މައުމޫންގެ މައްސަލައިގެ ކަންކަން މިހާތަނަށް ކުރިއަށް ގޮސްފައިވާގޮތަށްބަލައި، ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމަށް ކަމާ ބެހޭ މުއައްސަސާތަކުން އުޒުރުވެރިވާކަމަށްވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.