ކީޕަރު އިމްރާންގެ ސަސްޕެންޝަނާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނަމުގައި ސޯސަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަށް ދޮގުކޮށް މިކަން ހަރުކަށި އިބާރާތުން އެފްއޭއެމުން ކުށްވެރިކޮށްފިއެވެ.
ފުޓްބޯޅަ އިދާރާއިން ބަޔާނެއް ނެރެފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނަން ޖަހާފައިވާ އެކައުންޓަކުން ޓްވީޓްކޮށްފައިވާ ޓްވީޓެއްގެ ސްކްރީންޝޮޓްތަކެއް ދައުރުވަމުން ދާތީއެވެ.
އެފްއޭއެމްގެ ބަޔާންގައިވަނީ ފޭކް އެކައުންޓަކުން ކޮށްފައިވާ މި ޓްވީޓަކީ ހަގީގަތާއި ޚިލާފް ވާހަކަ ފަތުރައި ދިވެހި ފުޓްބޯޅަ އިދާރާ ބަދުނާމުކުރުމުގެ ގޮތުން ބަޔަކު ރާވައިގެން ކޮށްގެން އުޅޭ ފިނޑި އަމަލެއްކަމަށެވެ. ފުޓްބޯޅަ އާއިލާ ތެރޭގައި ނަފުރަތު އުފައްދައި، އެފްއޭއެމްގެ ރައީސާއި އެ އިދާރާ ބަދުނާމުވާގޮތަށް ކޮށްފައިވާ ދަށު ދަރަޖައިގެ މި އަމަލް އެފްއޭއެމުންވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
އެފްއޭއެމްގެ ބަޔާންގައި ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅައަށް އެކި ގޮތްގޮތުން ކުރިއެރުވުމަށް މަސައްކަތްކުރެއްވި ހުރިހާ ފަރާތްތައް އެއްވެސް ތަފާތު ކުރުމެއް ނެތި އެފްއޭއެމުން އަގު ވަޒަންކުރާކަމަށާއި، އެފްއޭއެމުން އަބަދުވެސް މަސައްކަތްކުރާނީ ފުޓްބޯޅައާއި، ކުޅުންތެރިންގެ އިތުރުން ކްލަބްތަކުގެ މަންފާއަށްކަމަށެވެ. ފުޓްބޯޅައަށް ޚިދުމަތްކޮށްދީފައިވާ އެއްވެސް ފަރާތެއްގެ އަބުރަށް އުނިކަމެއް ލިބޭފަދަ އަމަލެއް އެފްއޭއެމުން ނުކުރާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް މި ބަޔާނުގައިވެއެވެ.
އެފްއޭއެމަށް ފާޑުކިޔުންތައް އަމާޒުވެ ސޯޝަލް މީޑިޔާގައި އެއިދާރާއަށް ފާޑުކިޔަމުންދަނީ ނިއުރޭޑިއަންޓް ގޯލްކީޕަރު އިމްރާން މުޙައްމަދަށް ފިޔަވަޅު އަޅައިގެންކަން ފާހަގަކޮށްލެވެއެވެ. އިމްރާނަށް ފިޔަވަޅުއެޅީ މާލޭ ލީގުގައި ކްލަބް އީގަލްސް އަތުން އެޓީމް ބަލިވި މެޗަށްފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އެމައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށްފަހުގައެވެ.