ސިއްހަތު

"އަމާޒަކީ ހޮސްޕިޓަލްތަކުގެ ހުރިހާ ނަރުހުން ދިވެހިންނަށް ހެދުން"


ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ނަރުހުންނަކީ ދިވެހިންނަށް ހެއްދެވުން ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ނަރުހުންގެ ދުވަސް ފާހަގަކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ 45 އިންސައްތައަކީ ބިދޭސީން ކަމުގައި ވީނަމަވެސް، ސަރުކާރުގެ އަމާޒަކީ މިކަން ބަދަލުކޮށް އެ ވަޒީފާއަށް ޤާބިލް ދިވެހިން ނެރުއްވުން ކަމަށެވެ.

ނަރުހުންގެ ޚިދުމަތް ރާއްޖޭގައި ފެށިގެން އައީ ނަވާރަސަތޭކަ ފަންސާހުގެ ކުރީ ކޮޅުގައެވެ. ރާއްޖޭގައި ނަރުހުންގެ ޚިދުމަތަށް މިހާރު ވަނީ 60 އަށްވުރެ ގިނަ އަހަރު ވެފައެވެ. ރާއްޖޭގެ ސިއްޙީ ދާއިރާގައި ނަރުހުންގެ ޚިދުމަތް ފެށިފައިވަނީ އެންމެ ތިން ނަރުހުންނާއެކުގައި ކަމަށްވީނަމަވެސް، މިހާރު 2،000 އަށްވުރެ ގިނަ ނަރުހުން ޚިދުމަތުގައި އެބަތިއްބެވެ. އަދި މި ލިސްޓަށް ކޮންމެ އަހަރަކު 200 ނަރުހުން އިތުރުވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. img:http://s2.psmnews.mv/images/660x400/14946308600873.jpg|ނަރުހުންގެ ދުވަސް ފާހަގަކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

އެމީހުންގެ ޚިދުމަތަކީ އިންސާނިއްޔަތަށްޓަކައި ކޮށްދޭ މަތިވެރި ޚިދުމަތެކެވެ. ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރައްވާ ނަރުހުންގެ 45 އިންސައްތަ ނަރުހުންނަކީ ބިދޭސީން ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް އެ ޚިދުމަތް ދިވެހިންނަށް ޚާއްސަ ކުރެއްވުން ކަމަށާއި އެކަމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14946307739563.jpg|ހެލްތު މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

"މިހާރު ޚިދުމަތުގައި ތިބި ނަރުހުންގެ 45 އިންސައްތަޔަކީ ބިދޭސީ ނަރުހުން ކަމުގައިވީނަމަވެސް، ސަރުކާރުގެ އަމާޒަކީ ކައިރި މުސްތަޤްބަލެއްގައި އެ ޚިދުމަތް މުޅިން ދިވެހިންނަށް ޚާއްސަ ކުރެއްވުން. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ، އެގޮތުން ނަރުހުން ތަމްރީނުކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް." ހެލްތު މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، މިހާރު އެކުލަވާލައްވާފައިވާ ނަރުހުންގެ އޮނިގަނޑު ވުޖޫދަށް ގެނައުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

"މިހާރު އެކުލަވާލައްވާފައިވާ ނަރުހުންގެ އޮނިގަނޑު ވުޖޫދަށް ގެނައުމަށް މިދަނީ މަސައްކަތް ކުރަމުން. މިއީ ވަރަށް ގިނަ ބަޔަކާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ހުރި ގޮންޖެހުންތައްވެސް ބޮޑު އެހެންނަމަވެސް ސަރުކާރުން ދަނީ މި މަސައްކަތް ކުރަމުން. މިއީ ނަރުހުންގެ ކުރިއެރުމާއި، ވަޒީފާގައި ދެމިތިބުމަށް ލިބިގެންދާނެ މުހިންމު ކަމެއް'' ހެލްތު މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ނަރުހުންގެ ޚިދުމަތަކީ "ސިއްޙީ ދާއިރާގެ މައިބަދަ" ކަމުގައި ސިފަކުރެއްވިއެވެ. އަދި ނަރުހުންގެ ޚިދުމަތަކީ، ޝަރުފުވެރި އަދި ފަޚްރުވެރިވާ ފަދަ ޚިދުމަތެއް ކަމަށް ވިދާޅުވެ، ޚިދުމަތުގައި ދެމިތިބި ނަރުހުންނަށް މިނިސްޓަރ ހިތްވަރު ދެއްވިއެވެ.

ނަރުހުންގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވި ޖަލްސާގައި ގިނަ ޢަދަދެއްގެ ނަރުހުން ބައިވެރިވިއެވެ.