ޚަބަރު

"މެލޭޝިއާސް އިންޓަރނޭޝަނަލް ކަލްޗަރަލް ފެސްޓިވަލް 2017"


މެލޭޝިއާގައި ބާއްވާ އެންމެ ބޮޑު އެއް ފެސްޓިވަލް ކަމުގައިވާ "މެލޭޝިއާސް އިންޓަރނޭޝަނަލް ކަލްޗަރަލް ފެސްޓިވަލް 2017" ގައި ޕީ.އެސް.އެމުން ބައިވެރިވެއްޖެއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފެއަރގައި، ޕީ.އެސް.އެމްގެ ފަރާތުން ވަނީ ދިވެހިރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ޓީވީ ޗެނަލް ކަމުގައިވާ "މޯލްޓިވްސް ޓީވީ" ޕްރޮމޯޓްކޮށްފައިވެއެވެ.

މެލޭޝިއާސް އިންޓަރނޭޝަނަލް ކަލްޗަރަލް ފެސްޓިވަލް 2017 އަކީ މެލޭޝިއާގެ އެންމެ ނަން މަޝްހޫރު އެއް ޔުނިވަރސިޓީ ކަމުގައިވާ ލިމްކޮކްވިންގް ޔުނިވަރސިޓީގެ ފަރާތުން ބާއްވަމުން އަންނަ ވަރަށް މަޤްބޫލު ފެސްޓިވަލެކެވެ.

އެ ޔުނިވަރސިޓީގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ފެސްޓިވަލަކީ އެ ޔުނިވަރސިޓީގެ އެކި ކެމްޕަސްތަކުގައި ކިޔަވަމުން އަންނަ 150 އަށްވުރެ ގިނަ ޤައުމަށް ނިސްބަތްވާ ދަރިވަރުންނަށް، އެ ދަރިވަރަކު ނިސްބަތްވާ ޤައުމެއްގެ މުއްސަނދި ތާރީޚާއި ސަޤާފަތް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވަމުން އަންނަ ފެސްޓިވަލެކެވެ.

މި ފެސްޓިވަލް މެދުވެރިކޮށް އެކި ޤައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ އާދަކާދަތަކާއި، ސަޤާފަތާއި ތާރީޚާއި، ގުޅުންހުރި ކަންކަން އެއް ޕްލެޓްފޯމަކުން ދައްކާލުމުގެ ފުރުޞަތު ލިބިގެންދެއެވެ. މިފަހަރުގެ ފެސްޓިވަލުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ފަރާތުން ބައިވެރިވެ، ތަފާތު ހަރަކާތްތަކެއް ހިންގާފައިވެއެވެ. tw:https://twitter.com/Maldives_TV/status/860060348409303040

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ނަން މަޝްހޫރު ބްރޭންޑަކަށްވެފައި، ދުނިޔޭގެ އެކި ޤައުމުތަކަށް ނިސްބަތްވާ އެތައް ސަތޭކަ މީހުންނެއް ޒިޔާރާތްކުރާ މިފަދަ ފެސްޓިވަލެއްގައި ރާއްޖެ އިޝްތިހާރު ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށްވާއިރު، ޕީ.އެސް.އެމްގެ ފަރާތުން މި ފެސްޓިވަލްގައި މައިގަނޑުގޮތެއްގައި އިޝްތިހާރުކޮށްފައި ވަނީ ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ޓީވީ ޗެނަލްކަމުގައިވާ "މޯލްޑިވްސް ޓީވީ" އެވެ.

ޕީ.އެސް.އެމްގެ ފަރާތުން ޚާއްސަ ސްޓޯލެއް މި ފެސްޓިވަލްގައި ބަހައްޓާފައިވާއިރު، މި ސްޓޯލް މެދުވެރިކޮށް، މޯލްޑިވްސް ޓީވީގެ އިތުރުން ރާއްޖެއާއި ގުޅޭ ތަފާތު މަޢުލޫމާތު ފެސްޓިވަލަށް ޒިޔާރަތްކުރި ފަރާތްތަކަށް ދީފައިވެއެވެ. އެގޮތުން ރާއްޖެއާއި ގުޅޭ ތަފާތު ވީޑިއޯ ޕްރެޒެންޓޭޝަންތަކާއި، އެކި ކަހަލަ ޕޯސްޓަރުތައް ބެހުންފަދަ ހަރަކާތްތައް ހިންގާފައިވެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިޙާރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދައުލަތުގެ މީޑިއާގެ ހައިސިއްޔަތުން ޕީ.އެސް.އެމްގެ ދައުރު މިހާރަވުރެ ފުޅާކުރުމަށް ކުރިއަށްގެންދިޔަ ޙާއްސަ ހަރަކާތެކެވެ.

މޯލްޑިވްސް ޓީވީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން އެކިކަހަލަ ކޮންޓެންޓްތައް އުފައްދާ، ޢާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ޕީ.އެސް.އެމުން ލޯންޗްކުރި ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ޓީވީ ޗެނަލެވެ. އިނގިރޭސިބަހުން ހުރިހާ ކޮންޓެންޓެއް ގެނެސްދޭ މޯލްޑިވްސް ޓީވީއަކީ ހައިޑެފިނިޝަންގައި މުޅި ދުނިޔެއަށް ޚިދުމަތްދޭ ޗެނަލެކެވެ. އެގޮތުން އެމް.އެމް.ޕީ.އާރް.ސީއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ޓުއަރ އޮޕަރޭޓަރުން އަދި ޓުއަރ އޭޖެންޓުން މިޗެނަލް މެދުވެރިކޮށް ޕީ.އެސް.އެމުން އަންނަނީ އިޝްތިހާރު ކުރަމުންނެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ އިންޓަރނޭޝަނަލް ބްރޭންޑްތަކާއި، ކުންފުނިތަކުގެ އިތުރުން، މިދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތައްވެސް މި ޗެނަލް މެދުވެރިކޮށް ޕްރޮމޯޓް ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ތާރީޚާއި ސަޤާފަތާއި ގުޅުންހުރި ތަފާތު ކަންކަންވެސް މި ޗެނަލް މެދުވެރިކޮށް ޕީ.އެސް.އެމުން އަންނަނީ ގެނެސްދެމުންނެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި، މެލޭޝިއާގައި ޤާއިމުކޮށްފައިވާ 20 އަށްވުރެ ގިނަ އެމްބަސީ، އަދި ދަޢުވަތު އެރުވިގެން ވަޑައިގަންނަވާ ޚާއްސަ ބޭފުޅުންނާއި، އެ ޤައުމުގެ މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެން 10،000 އަށްވުރެ ގިނަ މީހުން މެލޭޝިއާސް އިންޓަރނޭޝަނަލް ކަލްޗަރަލް ފެސްޓިވަލް އަށް ޒިޔާރަތްކޮށްފައިވެއެވެ.

މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި ފެސްޓިވަލުގައި ޕީ.އެސް.އެމުން ބައިވެރިވެފައިވާއިރު، ޕީ.އެސް.އެމްގެ "މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް" ގައި އެ ޔުނިވަރސިޓީގެ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގުމުގެ އެއްބަސްވުމުގައި ދެފަރާތުން މިދިޔަ މާރޗް މަހުގެ ތެރޭގައި ސޮއިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭ އެއް ޔުނިވަރސިޓީއެވެ. އެ ޔުނިވަރސިޓީގެ ކެމްޕަސްތައް މެލޭޝީއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވެއެވެ. އެގޮތުން އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ޤައުމުތަކުގައި އެ ޔުނިވަރސިޓީގެ 13 ކެމްޕަހެއް ހުރެއެވެ.