ކުޅިވަރު

ވިމެންސް ފުޓްސެލް ފިއެސްޓާގެ ފައިނަލަށް ސިފައިންނާއި ފެނަކަ


އެއިޓީން ތާރޓީ ވިމެންސް ފުޓްސެލް ފިއެސްޓާގެ ފައިނަލުން ފެނަކައާއި ދިވެހި ސިފައިންގެ ކްލަބް ޖާގަ ހޯދައިފިއެވެ. 

ފެނަކަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީފައިނަލްގައި ޕޮލިސް ކްލަބާ ވާދަކޮށް ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ފެނަކަ މެޗު ކާމިޔާބުކުރީ 10-0 ލަނޑުންނެވެ. ސިފައިންގެ ކްލަބް މެޗު ކާމިޔާބުކުރީ ސެމީފައިނަލްގައި މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑާ ވާދަކޮށް 6-4 ން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ހާފް ނިމުނުއިރުވެސް އަދި ދެވަނަ ހާފްގެ ބޮޑުބައި ނިމުނުއިރުވެސް ހަތަރެއް ދޭކުން ކުރީގައި އޮތީ އެއަޕޯރޓްގެ ޓީމެވެ. ނަމަވެސް ސިފައިން ވަނީ ވަރަށް ހިތްވަރުކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. 

ފެނަކައާއި ސިފައިން ވާދަކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެރޭ ނުވަގަޑި ސާޅީސް ފަހެއްގައެވެ. ފައިނަލް މެޗުވެސް ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. މިރޭ ކުޅޭ ކްލަބް މޯލްޑިވްސްކަޕްގެ ސެމީފައިނަލް ދެ މެޗުވެސް ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.