ޚަބަރު

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި


ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ 2 ގެއެއް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އައިމިނަތު ސުޒީ ވިދާޅުވީ ފުލުހުން ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑްރަގް އޮޕަރޭޝަން ޔުނިޓް ގުޅިގެން ނިމުނު އޭޕްރީލްމަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށާއި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ފުރަތަމަ ގެއިން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ތަކެއްޗާއި ދެ ޑިޖިޓަލް ކައްޓާއާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 17 ފިލްމު ހުސްކުރިދަޅާއި ދެ ފުޅިއަކާއި ވަޅިއެއްގެ އިތުރުން ސިރިންޖަކާއި ޖޫސްޕެޓީ ހުސްކޮތަޅު ބޮޑިއެއް ފެނިފައިވާކަމަށެވެ.



ފުލުހުން ބަލައިފާސްކުރި ދެވަނަ ގެއިން ކެނެބިސްކަމަށް ބެލެވޭ ބަރުދަނުގައި 1.1 ކިލޯގްރާމްހުރި މަސްތުވާތަކެއްޗާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 91 ގްރާމްހުރި މަސްތުވާތަކެތި ފެނިފައިވާކަމަށް ސުޒީ ވިދާޅުވިއެވެ. އަދި މި ކާމިޔާބު އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ސްޓްރީޓް ވެލިއުއަކީ 1.6 މިލިއަން ދިވެހި ރުފިޔާކަމަށްވެސް ސުޒީ ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހުންނަކީ 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ. މި ދެމީހުންގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅުމާއި މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ތުހުމަތުކަމަށާއި މިދެމީހުންނަށްވެސް ކޯޓުން ވަނީ 10 މުއްދަތެއް ދީފައިކަމަށް ސުޒީ ވިދާޅުވިއެވެ.