ކުޅިވަރު

އޭޝިއަން ގްރޭންޑް ޕްރީއިން ސާއިދް ލޯ މެޑަލް ހޯދައިފި


އޭޝިއަން ގްރޭންޑް ޕްރީގެ ތިން ވަނަ ރޭހުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ތިން ވަނަ ހޯދައިފިއެވެ.

ތިން ރޭހެއްގެ މައްޗަށް އެކުލެވޭ ގްރޭންޑް ޕްރީގައި ސާއިދު ފަހު ރޭހުން ލޯމެޑަލް ހޯދާފައި މިވަނީ އެންމެ ފަހުން ނިމިގެންދިޔަ ސާފް ގޭމްސްގައި ރަން މެޑަލް ހޯދި ސްރީ ލަންކާގެ ދުވުންތެރިއާ ފަހަތަށް ޖައްސާލުމަށްފަހުއެވެ.

 ސާއިދު މިރޭސް ނިންމާފައިވަނީ 10.40 ސިކުންތުންނެވެ.

ޗައިނާގެ ދެ ސިޓީއެއްގެ އިތުރުން ޗައިނީސްޓައިޕޭގެ ޓައިޕޭ ސިޓީގައި ކުރިއަށްދިޔަ މި ރޭސް ތަކުގެ ތެރެއިން ފަހު ރޭހުން ސާއިދް ތިން ވަނަ ހޯދިއިރު އޭނާ ގްރޭންޑް ޕްރީގައި ކުރިން ދުވި ދެ ރޭހުގައި ސާއިދުއަށް ވަނީ މާރަނގަޅު ނަތީޖާއެއް ނެރެވޭގޮތް ނުވެފައިއެވެ. މިއިން ކޮންމެ ރޭހެއްގައިވެސް ފައިނަލް ހީޓެއް އެކަނި ދުވާގޮތަށް ހަމަޖެހިފައި އޮތްއިރު މީގެތެރެއިން އެއް ރޭހުން ސާއިދް ވަނީ ފައުލް ސްޓާޓެއް ވެފައެވެ. އަދި އަނެއް ރޭސް އޭނާއަށް ނިންމުނީ ހަތަރު ވަނާގައެވެ.

ޗައިނީސްޓައިޕޭގައި މިއަދު ދުވި ފަހު ރޭސް 10.40 ސިކުންތުން ސާއިދު ނިންމި އިރު މިރޭހުން އެއްވަނަ ހޯދި ޗައިނާގެ ދުވުންތެރިއާ ރޭސް ނިންމީ 10.35 ސިކުންތު އަދި ދެވަނައަށް ދިޔަ އިންޑޮނީޝިއާގެ ދުވުންތެރިއާ ރޭސް ނިންމާފައިވަނީ 10.39 ސިކުންތުންނެވެ.