މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤާއި ބެހޭ މަޢުލޫމާތުތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ހިއްސާކުރެއްވުމުގެ މަސައްކަތް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފަށްޓަވައިފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަޙްޤީޤް ރިޕޯޓް މިމަހު ޢާންމުކުރައްވާނެކަމަށް އޭސީސީން ކުރިން ވަނީ ވިދާޅުވެފައެވެ.
އޭސީސީގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤު ރިޕޯރޓް ޕީޖީ އޮފީހުގެ ވަކީލުންނާއި ޙިއްސާކުރުމުގެ ޝެޝަންތައް ދެތިން ދުވަހަށް ކުރިއަށްދާނެކަމަށެވެ. އަދި އެއަށްފަހު އެ މައްސަލަ ރަސްމީކޮށް ޕީޖީ އޮފީހަށް ހުށައަޅުއްވާނެކަމަށާއި ތަޙްޤީޤު ރިޕޯޓް ޕީޖީ އޮފީހުން ބަލައިގަތުމުން އެ މައްސަލައިގެ މަޢުލޫމާތުތައް އާއްމުކުރައްވާނެކަމަށްވެސް މުޢައްވިޒް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަޙްޤީޤަށް ބޭނުންވާ ބައެއް މަޢުލޫމާތުތައް ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ އިދާރާތައް މެދުވެރިކޮށް ހޯއްދަވާފައިވާކަމަށް އެސީސީން ވިދާޅުވެއެވެ.
އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓެއް ހައްދަވާ އޮޑިޓް އޮފީހުން ނެރުއްވި ރިޕޯޓްގައިވާ ގޮތުން އެމް.އެމް.ޕީ.އާރްސީން ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފައެވެ.
އޭސީސީން ކުރިން ވިދާޅުވެފައިވަނީ، އޮޑިޓް އޮފީހުން ޢާއްމުކުރައްވާފައިވާ މިމައްސަލައިގެ ފައިސާގެ ޢަދަދާއި އޭސީސީން ހޯއްދެވި މަޢުލޫމާތުން ލިބުނު ޢަދަދުގައި މާ ބޮޑު ތަފާތެއް ނެތްކަމަށެވެ.