ކްލަބް ވެލެންސިޔާ ބަލިކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބުން ސީޒަންގެ ފުރަތަމަ މޮޅު ހޯފައިފިއެވެ.
އެސްޓީއޯ މާލޭ ލީގުގައި ކްލަބް ވެލެންސިޔާގެ މައްޗަށް ވިކްޓްރީ ކުރި ހޯދީ 1-3ންނެވެ. މިއީ މި ސީޒަންގައި ވިކްޓްރީ ހޯދި ފުރަތަމަ މޮޅެވެ. އެންމެ ފަހުން ވިކްޓްރީ ގަލޮޅު ދަނޑުގައި ރަސްމީ މެޗަކުން މޮޅުވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިރީސްވަނަ ދުވަހުގައެވެ. ރެލިގޭޝަން ޕްލޭއޮފުގެ ދެ ވަނަ ލެގުގައި އެދުވަހު ވިކްޓްރީ ޒެފްރޯލްގެ މައްޗަށް ކުރި ހޯދީ 3-1ގެ ނަތީޖައަކުންނެވެ.
މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީވެސް ވިކްޓްރީންނެވެ. އަލީ ޝާމިސް ނަގައިދިން ހުރަހަކުން މި ލަނޑު ވިކްޓްރީއަށް ޖަހައިދިނީ އަންދްރޭ ކެރިކެވެ. މެޗުގެ ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ވެލެންސިޔާއިވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ކޯނަރަކުން ވެލެންސިޔާގެ މި ލަނޑު ޖަހައިދިނީ ބިދޭސީ ފޯވާޑް އޮމަދޫ ގޮޑްފްރޭ ވެސްޓެވެ.
ވެލެންސިޔާއަށް މެޗުގައި ލީޑް ނަގަން ހުސް ދެ ފުރުސަތު ފޯވާޑް އޮމަދޫ ގޮޑްފްރޭ ވެސްޓަށް ލިބުނެވެ. އޭނާ ފޮނުވާލި ދެ ބޯޅަވެސް ވިކްޓްރީގެ މަހުމޫދު އަލް ޔޫސުފްވަނީ ދިފާއުކޮށްފައެވެ. މެޗުގައި ދެވަނަ ފަހަރަށް ވިކްޓްރީން ލީޑް ނެގީ އިސްމާއިލް އީސަ ޖެހި ލަނޑުންނެވެ. މުހައްމަދު ރިސްވާން ނަގައިދިން ހުރަހަކުން އީސަ ބޯޅަ ގޯލަށް ފޮނުވާލީ މުޅިން ހުސްކޮށްހުރެއެވެ. މެޗުގައި ވިކްޓްރީން ޖެހި ފަހު ލަނޑަކީ ވެލެންސިޔާގެ ކެޕްޓަން ޝާފިއު އަޙުމަދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މެޗަށްފަހު ވިކްޓްރީގެ ކޯޗް އަލީ ސުޒޭން ބުނީ މި މޮޅަށް ކެތްމަދުވެފައި ތިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށާއި، ގަދަ ހަތަރަކަށް ކުރަމުންދާ އުއްމީދަށް މި މޮޅުން ހިތްވަރު ލިބިއްޖެކަމަށެވެ. ފުރުސަތުތައް ތަނަވަސްކޮށް ނެރުނު ނަތީޖާއާއިމެދު ހިތްހަމަޖެހޭކަމަށްވެސް ސުޒޭން ފާހަގަކުރިއެވެ.
"ގާތްގަނޑަކަށް ތިން މަސް ފަހުން މޮޅެއް މިވީ، ވަރަށް ބޭނުންވެފައި އޮތް މޮޅެއް މިއީ ކުރިއަށްދާން" ސުޒޭން ބުންޏެވެ.
ކްލަބް ވެލެންސިޔާގެ ކޯޗް އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މެޗުން ބަލިވީ ފުރުސަތު ލިބި ފުރުސަތުގެ ބޭނުން ނުހިފުމުންކަމަށެވެ. މި ބައްޔާއިއެކު ވެލެންސިޔާއަށް ގަދަ ހަތަރެއްގެ އުއްމީދު ފަނޑުވެއްޖެކަމަށާއި، ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެން މި ލިބޭ ބްރޭކުގައި މަސައްކަތްކުރާނެކަމަށް އޭނާ ބުންޏެވެ.
"ބަލިވީ ދެވަނަ ހާފްގައި ލީޑް ނަގަން ލިބުނު، ފިނިޝިންގ މައްސަލަ މިރޭ ދިމާވީ، އެހެން ނޫންނަމަ ރަނގަޅު ނަތީޖާއެއް ނެރެވުނީސް" ފެސްކޯ ބުންޏެވެ.
ރޭގެ މެޗުން ވިކްޓްރީ ހޯދި ތިން ޕޮއިންޓާއިއެކު އެޓީމްވަނީ މާލޭ ލީގް ތާވަލްގެ ހަވަނައަށް ޖެހިލާފައެވެ. އެއީ ކުޅުނު ހަ މެޗުން ލިބުނު ފަސް ޕޮއިންޓާއިއެކުގައެވެ. ވެލެންސިޔާ ކުޅުނު ހަ މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު އޮތީ މާލޭ ލީގް ތާވަލްގެ އެންމެ ފުލުގައެވެ.