ތަރައްްޤީ

ފެލިދޫއާއި ފުލިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް


ވ.ފެލިދޫއާއި އެއަތޮޅު ފުލިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި އެމްޑަބުލިޔުއެސްސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފާރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނސްޓަރ ޠާރިޤް އިބްރާހީމްއެވެ. އެމް.ޑަބުލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މޭނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުއެވެ.

ސަރުކާރުގެ ފެން ކުންފުނި އެމް.ޑަބްލުޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ވ.ފުލިދޫއާއި އެއަތޮޅު ފެލިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ފެލިދޫގެ ފެނުގެ ނިޒާމް ޑިޒައިންކުރުމާއި، ފެލިދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމް މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފުލިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޑިޒައިން ކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ހަލުވިކަމާއިކު ސަރުކާރުން ކުރިއަށް ގެންދަވާކަމަށެވެ.

ފާއިތުވި ތިން އަހަރުދުވަހުގެ ތެރޭގައި ހިންގާފައިވާ، ފެނާއި ނަރުދަމާގެ މަސައްކަތަށް ބަލާއިރު 18 ރަށެއްގެ ނަރުދަމާ ނިމިފައިވެއެވެ. އަދި 21 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރިޔަށް ދާއިރު 15 ރަށެއްގެ ފެނުގެ ނިޒާމް ވަނީ ނިމިފައެވެ. މީގެއިތުރުން 15 އަށްވުރެ ގިނަ ރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިޔައަށެވެ.

ސަރުކާރުން ހިންގަވާ މިފަދަ މަޝްރޫޢު ތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރު ވިދާޅުވީ ކޮންމެ ރައްޔިތަކީވެސް ސަރުކާރަށް މުހިންމު މީހެއްކަމަށާ، ކިތަންމެ ކުޑަރަށެއްގައިވެސް ސަރުކާރުން ތަރައްޤީގެ މަސްރޫޢުތައް ކުރިޔަށް ގެންދާނެކަމަށެވެ.

އެމްޑަބުލިޔުއެސްސީގެ ޢިޖުތިމާއީ ޒިންމާގެ ދަށުން މުހިންމު މަސައްކަތްތަކެއް ކުރިޔަށް ގެންދާއިރު އެ މަސައްކަތްތަކަށް ސަރުކާރުން ދެއްވާ އެއްބާރުލުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ފާހަގަކުރެއްވިއެވެ.

އެމްޑަބުލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މިހާރުވެސް އެތައް މަޝްރޫޢުތަކެއް އެކުންފުނިން ކުރިޔަށްގެންދާކަމަށާ، އެހެން ކުންފުނިތަކުންވެސް މިފަދަ އެތައް މަސައްކަތްތަކަށް ނުކުތުން މުހިންމުކަމަށެވެ.