ޖުމްހޫރީޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ޤާސިމް އިބްރާހިމް އެ އިދާރާއަށް ހާޒިކުރީ ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. ޤާސިމްގެ ޤާނޫނީ ވަކީލުން ވިދާޅުވީ ޤާސިމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ފަނޑިޔާރުންނާއި، ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތުގައިކަމަށެވެ.
ޤާސިމް އިބްރާހިމް ފުލުހުންގެ މަރުކަޒަށް މިއަދި ހާޒިރުކޮށްފައިވާއިރު ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ތިން ދައުވާއެއް އޭނާގެ މައްޗަށް އުފުއްލަވާފައެވެ. އެ މައްސަލަތަކުގެ ޝަރީއަތްތައް ފަށާފައިވާއިރު އެ މައްސަލައިގެ ދެވަނަ އަޑުއެހުން މިމަހުގެ ތޭވީސްވަނަދުވަހު ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.