ނާދީ ހުރި ބިމާއި، އޯޑިއޯން ހުރި ބިމުގައި ފްލެޓް އެޅުމަށް، އިންޑިޔާގެ ޓާޓާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ސަރުކާރުން އިޢުލާން ކުރެއްވީ ހައުސިންގް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެއްސެއްގައެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެއްބަސްވުން ބާތިލް ކުރެއްވުމަށް ނިންމެވީ 90 ދުވަހުގެ ނޯޓިސް ދިނުމަށްފަހުވެސް ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފަށާފައިނުވާތީ ކަމަށެވެ. އަދި މާލޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެތައް ޢައިލާއެއް ތިބި އިރު، ރިއަލް އެސްޓޭޓް އުޞޫލުން ދޫކޮށްފައި ބޮޑެތި ބިންތަކުގައި މަސައްކަތް ނުކޮށް، އެތައް އަހަރެއް ވެގެންދިއުމުން، ރައްޔިތުންނަށާއި، ސަރުކާރަށް ގެއްލުން ވަމުންދާކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.
" ޓާޓާ ކުންފުނިން މަސައްކަތް ނުކޮށް އެތައް އަހަރެއްވެއްޖެ. މަސައްކަތް ނިންމަން ދިން މުއްދަތު މީގެ ތިން މަސް ކުރިން ހަމަވެފައިވާތީ އަޅުގަނޑުމެން ވާނީ މަސައްކަތް ފެށުމަށް އިތުރު 90 ދުވަހުގެ މުހުލަތެއްވެސް ދީފަ. ނަމަވެސް 90 ދުވަހުގެ ތެރޭގައިވެސް ޓާޓާއިން ޢަމަލީ އެއްވެސް މަސައްކަތެއް ފަށާފަ ނުވާތީ އެއްބަސްވުން ބާތިލް ކުރަން ނިންމީ. " މުޢިއްޒު ވިދާޅުވިއެވެ.
މާލޭގައި ފްލެޓް އެޅުމަށް ޓާޓާ ކުންފުންޏާއެކު އެއްބަސްވެފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އޭރުވެސް ގިނަ ބަޔަކު ދިޔައީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތާއި، މިކަމާ ފުށުއަރާކަމަށް ވާހަކަ ދައްކަމުންނެވެ. އެކަމަށް ޢިޝާރާތްކުރައްވާ ހައުސިން މިނިސްޓަރ ވިދާޅުވީ، މާލޭގެ މެދުތެރޭގައި ފެލްޓްތައް އަޅާ، އިތުރަށް މާލެ ތޮއްޖެހުމަށް މަގުފަހިވާގޮތަށް ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންކަމަކީ ދޯދިޔާ ސިޔާސަތެއް ކަމަށެވެ.
"މަޖީދީމަގު އެންމެ ބާރު ބޮޑު ސަރަހައްދުގައި ނަޝީދުގެ ސަރުކާރުން ފްލެޓް އެޅުމަށް ނިންމާފައި އޮތީ. ޚާއްސަކޮށް އޯޑިއޯން ބިމުގައި ފްލެޓް އެޅުމަކީ ވަރަށް ދެކޮޅު ނުޖެހޭ އަދި ތާކުންތާކު ނުޖެހޭ ކަމެއް. އަޅުގަނޑު ނުބުނާނަން ފްލެޓް ނާޅާނަމޭ. އެކަމަކު އެތަނަކު ކޮންމެހެން ފްލެޓް އަޅާކަށް ނުވެސް ޖެހޭ. އަދި އެއަށް ވުރެ ރަނގަޅު ބިންތަކުގައި ފްލެޓް އެޅުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައި" މުޢިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ ނިންމުން ޓާޓާ ކުންފުންޏާއެކު ޙިއްސާކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފަހުގެ ތާރީޚެއްގައި ޓާޓާއިން އެ ބިންތަކުގައި ނަންބޯޑު ހަރުކޮށް ކޮށި ހެދި ނަމަވެސް، އެއީ ޢަމަލީ މަސައްކަތް ފެށުންކަން ޤަބޫލުނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އޯޑިއޯން އާއި ނާދީހުރި ބިމުގައި މަތީ ފަންތިއަށް ޢަމާޒުކުރެވޭ ފްލެޓްތައް ހެދުމަށް، ޓާޓާ ކުންފުންޏަށް އެބިންތައް ރައީސް ނަޝީދުގެ ސަރުކާރުން ދީފައިވަނީ ގާކޮއްޓާއި، ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ފްލެޓް އެޅުމަށް ޝަރުތުކޮށްފައެވެ. ނަމަވެސް ގާކޮއްޓާއި، ޢަރަބިއްޔާގައި ހެދި ފްލެޓްތައްވެސް ހުރީ ވަރަށް ފެންވަރު ދަށްކޮށް ކަމަށް ހައުސިން މިނިސްޓްރީން ފާހަގަކުރައްވައެވެ.