މުހިންމު ބިލްތަކެއް ފާސްކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަހަރުގެ ފުރަތަމަ ޗުއްޓީއަށް ވަޑައިގެންފިއެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި އުފެއްދުންތެރި މާގިނަ މަސައްކަތްތަކެއް ފެނިގެން ގޮސްފައި ނުވިނަމަވެސް މުހިންމު ބައެއް ބިލްތައް ފާސްކުރައްވާފައިވެއެވެ. އޭގެތެރޭގައި ރޭ ބޭއްވެވި މިދައުރުގެ އެންމެފަހު ޖަލްސާގައި ފާސްކުރެއްވި ޢިމާރާތްކުރުމުގެ ބިލާއި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނެވި އިޞްލާޙު ފާހަގަކޮށްލެވެއެވެ.
މި ދައުރުގައި އުފެއްދުންތެރި ގިނަ މަސައްކަތްތަކެއް ފެނިގެން ގޮސްފައިނުވަނީ، މަޖިލީހުގެ ރައީސާއި، ނާއިބު ރައީސް މަޤާމުން ދުރުކުރުމަށް އިދިކޮޅު މެންބަރުން މަޖިލީހަށް ވެއްދި އިތުބާރުނެތްކަމުގެ މައްސަލައިގެ ސަބަބުން މަޖިލިސް ގިނަ ދުވަސްތަކަކަށް ޖަލްސާ ނުބާއްވަވައި މެދުކެނޑިގެން ދިއުމުންކަމަށް މެމްބަރުން ވިދާޅުވެއެވެ. މިއަހަރުގެ ފެބުރުއަރީ މަހުގެ ހަވަނަ ދުވަހު ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށްޓަވާފައިވާއިރު ސާދަ ޖަލްސާއެއް ބާއްވަވާފައިވެއެވެ. މަޖިލީހުގެ ޤަވާޢިދު ބުނާގޮތުން މަޖިލީހުގެ އަހަރުގެ މަސައްކަތް ތިން ދައުރަކަށް ބެހިފައިވާއިރު އަހަރަކު ތިން މަސްދުވަހުގެ ޗުއްޓީއެއް މެމްބަރުންނަށް ލިބިވަޑައިގަންނަވައެވެ.