މުނިފޫހިފިލުވުން

"ދިވެހި ރޮކް އެންޑް ރޯލް" އާއެކު އައިޑަލް ޝޯވ މިރޭ ފޯރިގަދަވާނެ


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގަދަ ނުވައެއް މިރޭ ނުކުންނާނީ ދިވެހި ރޮކް އެންޑް ރޯލް ތީމަށެވެ.  މިރޭ ދިހަ ގަޑި ތިރީހުގައި ޓީވީއެމުން ގެނެސްދޭ އައިޑަލްގެ ޝޯވގައި ބައިވެރިންގެ ފަރާތުން ފެނިގެންދާނީ ފޯރިގަދަ މަޖާ ހުށައެޅުންތަކެއް. "ދިވެހި ރޮކް އެންޑް ރޯލް ތީމަށް ބައިވެރިން މިރޭ ނުކުންނާނީ އެ ބައިވެރިންގެ ހުރި ނެށުމުގެ ހުނަރުތައްވެސް ދައްކާލުމަށް.

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ވާދަވެރިކަން ފެށުނީ ގާލާ ރައުންޑާއެކުއެވެ. މި ރައުންޑާއެކު ބެލުންތެރިންގެ މެދުގައި ޝޯގެ ފޯރި ގަދަވި އެންމެބޮޑު ސަބަބަކީ ގާލާ ރައުންޑު ފެށުމުން ބައިވެރިންގެ ކުޅަދާނަކަމާއި، ޤާބިލުކަން މިނެކިރާލުމަށް ޖަޖުންނާ އެއް ހަމައެއްގައި ބެލުންތެރިންނަށްވެސް ފުރުސަތު ފަހިވުމުންނެވެ.

މިދިޔަ ހަފްތާގެ ޝޯ ދެއްކީ ގަދަ ދިހަ ބައިވެރިންނާއެކުއެވެ. ގަދަ ދިހަ ބައިވެރިންގެ ހުނަރުވެރި ހުށަހެޅުންތަކާއިއެކު އަނެއްކާވެސް ޝޯވ މިވަނީ ބެލުންތެރިންގެ ޝައުގުވެރިކަން ހޯދާފައެވެ. ޝޯގެ ބައިވެރިންގެ ހުށަހެޅުންތަކުގެ ފެންވަރު އެއް ޝޯވ އިން އަނެއް ޝޯވއަށް ރަނގަޅުވަމުން އަންނައިރު ކޮންމެ ބައިވެރިއަކުވެސް މަސައްކަތްކުރަމުން އަންނަނީ ބެލުންތެރިންގެ ތަރުހީބާ ޖަޖުންގެ މާކްސްއާއެކު ޖެހިގެން އަންނަ ޝޯއިން ޖާގަ ހޯދުމަށެވެ.

މިރޭގެ ޝޯގެ ތީމްއަކީ ދިވެހި ރޮކް އެންޑް ރޯލްއެވެ. މި ތީމްއަށް މިރޭ އައިޑަލްގެ، މިހާރު ތިބި ގަދަ ނުވަ ބައިވެރިން ލަވަ ހުށަހަޅާދޭއިރު މި ބައިވެރިންނާ އެކު މިރޭގެ ޝޯވގެ ސްޓޭޖުން އައިޑަލްގެ ޚާއްސަ ބޭންޑުވެސް ފެންނާނެއެވެ.

ބައިވެރިންގެ ވަރަށް ފޯރިގަދަ ލަވަތަކާއެކު އެ ބައިވެރިންގެ ނެށުމުގެ ހުނަރުތައް ވެސް މިރޭ ފެންނާނެއެވެ.

މިހަފްތާގެ ޝޯވގައިވެސް ބައިވެރިންގެ ހުށަހެޅުންތަކަށް ބެލުންތެރިންގެ ފަރާތުން ވޯޓުދިނުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވ ދައްކާ ވަގުތުން ފެށިގެން، މާދަމާ މެންދުރުފަހު 3 ޖެހުމާއި ހަމައަށް އޮންނާނެއެވެ. އަދި މިފަހަރުގެ ސީޒަންގެ ގަދަ 8 އިޢުލާން ކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ އެލިމިނޭޝަން ނައިޓު ޝޯވގައެވެ.