މޯލްޑިވިއަން އައިޑަލްގެ ޕްލެޓްފޯމަކީ ހަގީގީ ލަވަކިއުންތެރިއަކަށް ވާން ލިބުނު ރަނުގެ ފުރުސަތެއްކަމަށް މޯލްޑިވިއަން އައިޑަލްގެ ގަދަ 10 އާ ހަމައިން ޝޯއާއި ވަކިވި މުހައްމަދު ރީހާން ބުނެފިއެވެ.
ރީހާންވަނީ އައިޑަލްގެ ޝޯއިން ގިނަ ބެލުންތެރިންތަކެއްގެ ހިތުން ޖާގަހޯދާފައެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގަދަ ދިހައަކުން ޝޯއާއި ވަކިވިނަމަވެސް ވަރަށް އަވަހަށް މިއުޒިކް އިންޑަސްޓްރީން ރީހާންގެ އިތުރު ލަވަތަކެއް އާންމުންނާ ހަމަޔަށް އަންނާނެކަމަށް އޭނާބުންޏެވެ. ރިހާން ބުނީ އައިޑަލް ޢާއިލާއާއި ވަކިވެގެން ދެން ދާނީ މިއުޒިކް އިންޑަސްޓްރީގައި މިހާރު ކުރިއެރުންތަކެއް ހޯދަމުން އަންނަ މިއުޒިކް ބޭންޑަކަށްކަމަށެވެ. އަދި އައިޑަލްގެ ޕްލެޓްފޯމަކީ އޭނާގެ މުޅި މިއުޒިކީ ޙަޔާތް ބަދަލުކޮށްލި ޝޯގެ ގޮތުގައި ރީހާން ސިފަކުރިއެވެ.
ޝޯގެ ތެރެއިން ކުރިން ނޭގެ ގިނަ ކަންތައްތަކެއް ދަސްވިކަމަށާ، އެގޮތުން ލަވަކިއުމުގައި އިސްކަންދޭންޖެހޭ ކޮންމެހެން އެގެންޖެހޭ ގިނަ ކަންތައްތަކެއް ދަސްވިއިރު އަޚްލާގީގޮތުން ވެސް މިހާގެ ކިބައިގައި ހުންނަންޖެހޭ ގިނަ ސިފަތަކެއް ދަސްވެފައިވާކަމަށް އޭނާ ބުންޏެވެ.
މީގެއިތުރުން ކެތްތެރިވާން ދަސްވުމާއި، ދިރިއުޅުން ކުރިއަށް ގެންދިއުމުގައި އަމިއްލައަށް އިސްނަގައި ކުރަންވީ ގިނަކަންތައްތަކެއް އައިޑަލް ޕްލެޓްފޯމުން އެގިނގެން ހިގައްޖެކަމަށް ރީހާން ބުންޏެވެ. ރިހާން އަބަދުވެސް ބޭނުންވަނީ އޭނާގެ ސަޕޯޓަރުން އޭނާއެކުވުމަށެވެ. އަދި އޭނާގެ ސަރޕޯޓަރުން ހިތް އެދޭފަދަ ކޮލިޓީ ލަވަތަކެއް އޭނާ އާންމުންނާ ހަމަޔަށް ގެނެސްދޭނެކަމުގެ ޔަގީންކަން ރީހާންވަނީ ދީފައެވެ.