ޚަބަރު

އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ޙިދުމަތެއް ފޯރުކޮށްދިނުން- އޭޑީކޭ


އޭޑީކޭ އިން އެންމެ ފުރަތަމަ ހިދުމަތް ދެއްވަން ފަށްޓަވާފައިވަނީ 15 މާރޗް 1987 ގައި މެޑި ކްލިނިކުގެ ނަމުގައެވެ. މިއަދު އޭޑީކޭއަށް ތިރީސް އަހަރު ވެފައިވާއިރު އެ ހޮސްޕިޓަލުން ދޭ ހިދުމަތް ވެގެންގޮސްފައިވަނީ ރައްޔިތުން ޤަބޫލުކުރާ އަދި އިތުބާރުކުރާ ފެންވަރުގެ ހިދުމަތް ދޭތަނަކަށެވެ. 

އޭޑީކޭއިން ދޭ ހިދުމަތްތަކާއި ފަރުވާ މިއަދު ގިނަ ރައްޔިތުންތަކެއް ބަލައިގަނެއެވެ. މިއަދު އޭޑީކޭއަށް ތިރީސް އަހަރުވެފައިވާއިރު އެ ހޮސްޕިޓަލުން ދަނީ ފަހުގެ ވަސީލަތްތަކާއެކު ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ ސްޓޭޓް އޮފް ދި އާރޓްސްގެ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރަމުންނެވެ.

އޭޑީކޭއިން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުން ބޭނުންވާ ސިއްޙީ ޚިދުމަތްތަށް ރަނގަޅުފެންވަރުގައި އަމިއްލަ ޤައުމުގައި ތިބެގެން ހޯދޭނެ މަގު ފަހިކޮށްދެއްވަމުންނެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއި މެޝިނަރީޒް ބޭނުންކޮށްގެން ފެންވަރު ރަނގަޅު ފަންނީ އަދި ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއެކު ސިއްޙީދާއިރާގެ ގިނަގުނަ ކުރިއެރުންތަކާއި ކާމިޔާބީތައް އެ ހޮސްޕިޓަލުން ގެންދަނީ ހޯދަމުންނެވެ.

img:http://s3.psmnews.mv/images/660x400/14722914778587.jpg|އޭޑީކޭއިން އެޑްވާންސް ޓެކްނޮލޮޖީގެ ސީޓީ ސްކޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކުގެ ތެރެއިން، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ އެ ހޮސްޕިޓަލުގެ އެއް އަމާޒެވެ. އެގޮތުން އަވަސް މުސްތަގުބަލެއްގައި ބައިނަލް އަޤްވާމީ ފެންވަރުގައި އެކްރެޑިޑް ހޮސްޕިޓަލަކަށް ވުމަށް އޭޑީކޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ދެހާސް ސަތާރަ ވަނަ އަހަރަކީ އޭޑީކޭއިން ދެވޭ ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެގެން ދާނެ އަހަރެއްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެގޮތުން މި އަމާޒަށް ވާސިލް ވުމަށް އުތުރު ވަސީލަތްތަކާއި، މުޅިން އަލަށް ތާރަފްކުރެވޭ ހިދުމަތްތަކާއެކު، އޭޑީކޭގެ އާ އިމާރާތަކާއި، ތިއޭޓަރ ކޮމްޕްލެކްސް އެއް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން ސިއްޙީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ރައްޔިތުން ތިބުމަށް ގިނަ މަސައްކަތްތަކެއް ކޮށް ކުރިއަށް އޮތްތާގައި އިތުރު މަސައްކަތްތަކެއް ކުރާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭގައި މިވަގުތު ހުރިހާ ބައްޔަކަށް ބޭނުންވާ ސްޕެޝަލިސްޓުންނާއި ސްޕަ ސްޕެޝަލިސްޓުން ހިދުމަތް ދެއްވަމުންދާއިރު، އެ ހޮސްޕިޓަލުން ދަނީ ބޮޑެތި އޮޕަރޭޝަންތައްކޮށް ރާއްޖޭގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތައް ހާސިލް ކުރަމުންނެވެ. އަދި މިފަދަ ކާމިޔާބީތަކުގެ ފަހަތުގައި އެ ހޮސްޕިޓަލުގެ ހީވާގި މުވައްޒަފުން އަބަދުވެސް ތިބޭކަން އެ ހޮސްޕިޓަލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.