އެޗްވަންއެންވަން އަށް ޝައްކު ކުރެވިގެން މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން 51 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މި މަހުގެ 4 ވަނަ ދުވަހު މަރުވި ފިރިހެނަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ރޭ ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ޑރ. އަބްދު ﷲ ނިޔާފް ވިދާޅުވީ އެޗްވަންއެންވަން އަށް ޝައްކުކުރެވިގެން ޓެސްޓް ކުރެވުނު 251 މީހުންގެ ތެރެއިން 51 މީހެއްގެ ގައިން އެޗްވަންއެންވަން ވައިރަސް ފެނިފައިވާ ކަމަށެވެ. އަދި އިތުރު 70 މީހެއް އެޗްވަންއެންވަން އަށް މިހާރު ޓެސްޓްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މާޗްމަހުގެ 4 ވަނަ ދުވަހު މަރުވި 26 އަހަރުގެ ފިރިހެން މީހާގެ ގައިން އެޗްވަންއެންވަން ވައިރަސް ފެނިފައިވާ ކަމަށެވެ. އަދި މިހާރުވެސް މާބަނޑު މީހަކު އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެގެން ފަރުވާދެމުންދާ ކަމަށާއި، އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރެއްގެ އެހީގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އިތުރު މާބަނޑު މީހަކަށް ފަރުވާދެމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އެމީހާގެ ހާލަތު ސީރިއަށްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްވަންއެންވަން އެންމެ ފަހުގެ މައުލޫމާތު މީޑިއާ އާއި ހިއްސާ ކުރަމުން ޑރ. އަބްދު ﷲ ނިޔާފް ވިދާޅުވީ، މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި، މިކަމަށް ރައްކާތެރިވުމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އަދި ހާލަތުގެ ލެވެލް ތިނަކަށް ބަދަލުކޮށްފައިވާ ކަމަށް ނިޔާފް ވިދާޅުވިއެވެ.
ހުން އައުން، ކަރުގައި ރިހުން، ގައިގައި އަދި ބޮލުގައި ރިހުން ފަދަ އަލާމާތެއް ދިމާވާނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.