ތަޢުލީމު

"ތަޢުލީމީ ދާއިރާއަށް ލަންކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ"


ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ތަރައްޤީކުރައްވައި ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ހުރިހާ ރޮނގަކުން އެއްބާރުލުން ދެއްވާނެކަމަށް ސްރީލަންކާގެ ތަޢުލީމާބެހޭ ވަޒީރު މިސްޓަރ އަކީލާ ވިރާޖު ކަރިޔަވަސަމް ވިދާޅުވެއްޖެެއެވެ. 

އެމަނިކުފާނު މިހެންވިދާޅުވީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި މިއަދު ބޭއްވެވި ރަސްމީ މަޝްވަރާ ބައްދަލްވުންތައް ނިންމާލެއްވުމަށްފަހު ނޫންވެރިންނާ ވާހަކަފުޅުދައްކަވަމުންނެވެ.

ސްރީލަންކާގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އަކީލާ ވިރާޖް ކަރިޔަވަސަމް ރާއްޖެ ވަޑައިގަތީ، ރާއްޖޭގެ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޝިހާމްގެ ދަޢުވަތަކަށެވެ. މިމަހުގެ ނުވަވަނަ ދުވަހުގެ ފެށްޓެވި މިދަތުރުފުޅުގައި ދިވެހި ރާއްޖޭގެ ތަޢުލީމީ ވުޒާރާގެ އިސްވެރިންނާ ބައްދަލުކުރައްވައި ތަޢުލީމީ ދާއިރާއިން ދެޤައުމުގެ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުލޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ސްރީލަންކާގެ މިނިސްޓަރ އޮފް އެޑިއުކޭޝަން ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ކުރިއަރުވައި، ތަރައްޤީ ކުރެއްވުމަށް ބޭނުންވާ އެއްބާރުލުން ސްރީލަންކާއިން ދޭނެކަމަށް ވިދާޅުވެފައެވެ.

މިމަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ސްރީލާންކާގެ އެޑިއުކޭޝަން މިނިސްޓަރގެ މިދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ތަރައްޤީކުރެއްވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް އިތުރަށް ފަހިވެގެންދާނެކަމަށެވެ.

img:http://s3.psmnews.mv/images/660x400/14893356372090.jpg|ލަންކާގެ ތަޢުލީމީ ވުޒާރާއާއި ރާއްޖޭގެ ތަޢުލީމީ ވުޒާރާއާ ދެމެދު ބޭއްވި މަޝްވަރާތަކުގެ ތެރެއިން

" މިދަތުރުފުޅުގެތެރޭގައި ކުރެވުމު މަޝްވަރާތަކުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮންނަގާތް ގުޅުން އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާއި އަދި ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ދެފަރާތުން އެކުގައި ކުރެވިދާނެ ކަންތައްތަކުގެ ވާހަކަ މަޝްވަރާކުރެވުނީ.. ޚާއްޞަކޮށް އަޅުގަނޑުމެން ދިވެހިރާއްޖޭގެ ތަޢުލީމީ ފެންވަރު އިތުރަށް މަތިކުރުމާއި އަދި އެއާއެކީގައި އަޅުގަނޑުމެންގެ ޓިޗަރުންނާއި ޕްރިންސިޕަލުން ތަމްރީންކުރުމުގެ ދާއިރާއާއި ފެންވަރު މަތިކުރުމުގެ މަޝްވަރާތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާފައިވަނީ. " މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިނިސްޓަރ ޑރ. ޢާއިޝަތް ޝިހާމް ވަނީ މި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ތާރީޚާއި ޘަޤަފަތު ކުރިއެރުވުމަށް ސްރީލަންކާއިން މަސައްކަތް ކުރުމާމެދު މަޝްވަރާކުރެއްވިކަން ހާމަކުރައްވާފައެވެ.

މަޝްވަރާ ބައްދަލުވުންތަކަށްފަހު ސްރީލަންކާގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އަކީލާ ވިރާޖް ކަރިޔަވަސަމް ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަމްރީނާއި ތަރައްޤީ ހޯއްދެވުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތަށް ސްރީލަންކާއިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.

"ރާއްޖެއަށް ބޭނުންވާ ޓީޗަރުން ތަމްރީންކުރުމުގައި އެހީތެރިކަން ސްރީލަންކާއިން ރާއްޖެއަށް ދެމުންދާނެ.. ސްކޮލަރޝިޕްތަކާއި މަތީތަޢުލީމްގެ ފުރުޞަތުތައް ރާއްޖެއަށް ހުޅުވާލާނެ." މިނިސްޓަރ ވިދާޅުވިއެވެ.

އަދި ޚާއްޞައެހީތެރިކަން ބޭނުންވާ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ބޭނުންވާ ޓީޗަރުން ތަމްރީންކުރުމުގެ ފުރުޞަތު ސްރީލަންކާއިން ފަހިކޮށްދޭނެކަމަށް އެޤައުމުގެ އެޑިޔުކޭޝަން މިނިސްޓަރ ވަނީ މިބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރުން ތަޢުލީމަށް ދެއްވާ އަހައްމިއްޔަތުކަން އަދި ވަކީން ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ އެހީތެރިކަމާއެކު ކިޔަވައިދޭންޖެހޭ ކުދިންނަށް ދެއްވާ ސަމާލުކަން މި މަޝްވަރާތަކުގައި ސްރީލަންކާގެ އެޑިޔުކޭޝަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ސްރީލަންކާގެ އެޑުއިކޭޝަން މިނިސްޓަރ ވަނީ އިސްކަންދަރު ސްކޫލަށް ޒިޔާރައްކުރައްވައި، އެސްކޫލުގެ ޕްރިންސިޕަލާއި އިސް ޓީޗަރުންނާ ބައްދަލުކުރައްވައި ރާއްޖޭގެ ރަސްމީ ތަޢުލީމްގެ ނިޒާމްގެ ކަންކަން ހިނގާ ގޮތް ބައްލަވައި މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މިއީ 2008 ވަނަ އަހަރު ދިވެހިރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތަޢާރަފްވީފަހުން ސްރީލަންކާގެ ތަޢުލީމާބެހޭ ވަޒީރަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.