ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ރ. އުނގޫފާރުގައި ބިނާކުރައްވާ އިސްލާމީ މަރުކަޒްގެ ބިންގާ އަޅުއްވައިފިއެވެ.
މިކަމަށްޓަކައި އެރަށުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒިޔާދާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖަޢުފަރު ދާއޫދެވެ. ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ދީނުގެ ގިއުގަނޑުތެރޭގައި އުޅުން ބައްޓަން ކުރުމަށް އެންމެންވެސް އަޒުމް ކަނޑައަޅަންޖެހޭކަމަށެވެ. އަދި ޑރ. އަފްރާޝީމް ޢަލީއަކީ ރާއްޖޭގެ ދީނީ ޙާލަތު ރަނގަޅުކުރައްވަން ޙިކުމަތްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރ ވިދާޅުވީ، ޑރ. އަފްރާޝީމް ޢަލީގެ ދީނީ ޚިދުމަތް ރާއްޖޭގައި ހުރި ޢިޖުތިމާޢީ މައްސަލަތަކަށް އަމާޒުކުރެއްވިކަމަށެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، މިބިނާއަކީ ރައީސުލްޖުމްހޫރިއްޔާއާއި ޑރ. އަފްރާޝީމްގެ ގާތް ގުޅުން ރަމްޒުކޮށްދޭ ބިނާއެއްކަމަށެވެ. އަދި މި ބިނާއަކީ މިސަރުކާރުން ޢުމްރާނީ ތަރައްޤީއާއި އެއްވަރަށް ރައްޔިތުންގެ ރޫޙާނީ ތަރައްޤީއަށްވެސް އިސްކަންދެއްވާކަމުގެ ސާފު ދަލީލެއްކަމަށް ވިދާޅުވިއެވެ. މި މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މި މިސްކިތް ފަރުމާ ކުރެވިފައިވަނީ މާލޭގައި ހުންނަ އިސްލާމީ މަރުކަޒާ އެއްގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިމިސްކިތް ޢިމާރާތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކުރައްވާފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އުނގޫފާރުގައި ބިނާ ކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް 510 ދުވަސްތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.