ޚަބަރު

ރައީސްގެ އަނބިކަނބަލުން ގއ.ކޮލަމާފުށްޓަށް ވަޑައިގެންފި


ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށްޓަށް ވަޑައިގެން އެރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޚާޢްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވައި އެމީހުންގެ ޙާލު ބައްލަވައިފިއެވެ. 

ރައީސްގެ އަނބިކަނބަލުން ކޮލަމާފުއްޓަށް ވަޑައިގަތުމުން އެރަށުގެ ރަށްޔިތުންވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅަކީ އެކަމަނާ އިސްވެ ހިންގަވާ "ރައީސް ޔާމީން 2018 " ކެމްޕެއިން އޮފީހުގެ ފަރާތުން އިސްނަންގަވައިގެން "އެންމެ ޤާތުން" މިނަމުގައި ފަށްޓަވާފައިވާ ކެމްޕެއިނުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. 

މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ގޭގެއަށް ގޮސް އެމީހުންގެ ޙާލު ބެއްލެވުމާއި، މިހާރުން މިހާރަށް އެމީހުންނަށް ބޭނުންވާކަންކަން ދެނެގަނެ ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް "އެޑްވާސް ޓީމް"ތަކެއް ރަށްރަށަށް ފޮނުވައިގެން ރައީސްގެ ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އަދި އަތޮޅުތަކުގައި އެހީތެރިކަން ބޭނުންވާ މީހުންނާ ސީދާ އެކަމަނާ ގެންދަވަނީ ބައްދަލުކުރައްވައި އަމިއްލަފުޅަށްވެސް އެހީތެރިވެވަޑައިގަންނަވަމުންނެވެ. 

img:http://s4.psmnews.mv/images/660x400/14886120047664.jpg|ރައީސްގެ އަނބިކަނބަލުންގެ ކޮލަމާފުށީ ދަތުރުފުޅުގެ ތެރެއިން - ޕީއެސްއެމް ފޮޓޯ: ނިޝާން މުޙަންމަދުދީދީ

މިހާރު ގއ. އަތޮޅަށް އެކަމަނާ ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮލަމާފުށްޓަށް ވަޑައިގެން، ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުންގެ އިތުރުން، އެރަށުގެ ކަނބަލުންނާވެސް ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި އެރަށުގެ އިޖުތިމާޢީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންނާވެސް އެކަމަނާ ވަނީ ބައްދަލުކުރައްވާފައެވެ. 

މީގެ އިތުރުން ކޮލަމާފުށީ ޕީ.ޕީ.އެމް އޮފީސްވެސް އެކަމާވަނީ މިއަދު ހުޅުއްވައިދެއްވާދެއްވާފައެވެ. 

img:http://s2.psmnews.mv/images/660x400/14886121980658.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ކޮލަމާފުށީ ޕީޕީއެމްގެ އޮފީސް ހުޅުއްވައިދެއްވަނީ - ޕީއެސްއެމް ފޮޓޯ: ނިޝާން މުޙަންމަދުދީދީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މިދަތުރުފުޅުގައި ކެބިނެޓްގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޕީ.ޕީ.އެމް އަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. ހުވަދުއަތޮޅު އުތުރުބުރީގެ 4 ރަށަށް ކުރައްވާ މިދަތުރުފުޅުގެ އެންމެ ފަހުރަށެއްގެ ގޮތުގައި އެކަމަނާ ވަޑައިގަންނަވާނީ، މިއަދު ހަވީރު އެއަތޮޅު ވިލިނގިއްޔަށެވެ.