ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދެއްވަމުން ގެންދަވަނީ ރައްޔިތުން ބާރުވެރިކުރުވައިގެން ކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން އިންސާނީ ޙައްޤުތަކުގެ ދާއިރާއިން އިންޤިލާބީ ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ.
އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 34 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ ދިވެހިރާއްޖޭއިން ވޭތުވެދިޔަ އަހަރުތަކުގައި އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތައް ޤާއިމުކުރެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ރައްޔިތުން ބާރުވެރިކޮށް، މުޖުތަމަޢުގައި ރައްޔިތުންނަށް ހުރި ފުރުޞަތުތައް އިތުރުކުރައްވައިގެންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އާސިމް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ސަރުކާރުން ޤާއިމުކޮށްދެއްވާފައިވާކަމަށެވެ. އަދި ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންނަށް ކޮންމެ މަހަކު ފައިސާގެ އިނާޔަތް ސަރުކާރުން ދެއްވާ 14 އަހަރުގެ ހިލޭ ތަޢުލީމު ކޮންމެ ދިވެހިރައްޔިތަކަށް ދައުލަތުން ކަށަވަރު ކޮށްދެއްވާފައިވާކަންވެސް މިނިސްޓަރ އާސިމް ފާހަގަކުރެއްވިއެވެ.
ދެޖިންސުގެ ދެމެދުގައި ތަފާތު ކުރުންތައް ނައްތާލުމަށް ޖެންޑާ އީކުލިޓީ ޤާނޫނު ތަންފީޛް ކުރައްވަން ފައްޓަވައި، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތުކުރުމެއްނެތި، ވަޒީފާ އަދާކުރުމާއި، ޢާމްދަނީ ހޯދުމުގެ ޙައްޤު ދިވެހިރާއްޖާގައި ކަށަވަރު ކޮށްދެއްވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިންސާނީ ޙައްޤުތައް ޤާއިމުކުރުމަށްޓަކައި "ހިއުމަންރައިޓްސް ފްރޭމްވޯކް"އެއް އެކުލަވާލައްވައި ތަންފީޛް ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމުގައި އދ. އިން ދެއްވާ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރަކުން 2011 ވަނަ އަހަރުން ފެށިގެން، މެދުކެނޑުމެއްނެތި 2 ދައުރު ރާއްޖެއިން ފުރިހަމަކޮށްފައިވެއެވެ.
ދިވެހިރާއްޖެއިން މިހާރު މަސައްކަތް ކުރަމުންދަނީ ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ މެންބަރުކަށް ވުމުގެ މަސައްކަތްކުރައްވަމުންނެވެ.