ދިވެހި ރާއްޖެއިން ބައެއް ވިއްކާލުމަށް ސަރުކާރުން އެއްވެސް ބަޔަކާއެކު މަޝްވަރާކޮށްފައި ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ފ.އަތޮޅު ސަޢޫދީ އަރަބިއްޔާއަށް ވިއްކާލުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންގެންދަވާކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދުދެއްވައި ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ ޝައިނީ ވިދާޅުވީ ބޭރުގެ ބަޔަކަށް ޤައުމުން ބައެއް ވިއްކާލުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސިޔާސީގޮތުން ވަކި މަޤްޞަދެއްގައި ދައްކާ ހަޤީގަތާޚިލާފު ވާހަކަތަކެއްކަމަށެވެ. ރާއްޖެއިން ބައެއް ބޭރުގެ ބަޔަކަށް ވިއްކާލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާ ސަރުކާރުން އެފަދަ ކަމެއް ނުވަތަ އެފަދަ އެފުރުޞަތެއްވެސް ނުދެއްވާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވިސްނުންފުޅަކީ ދިވެހި ރާއްޖެއަށް އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތަކެއް ގެނެސް ރާއްޖެ ތަރަށްޤީކުރެއްވުންކަމަށެވެ. ސަރުކާރުން ހިންގަވާ ހުރިހާ މަޝްރޫއެއްވެސް ހިންގަވާނީ ދެފުށް ފެންނަގޮތަށް، ދިވެހި ރައްޔިތުންނަަށް އެނގިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފްރީހޯލްޑް އުސޫލުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ދޭނަމަ އެ ފުރުސަތު ދެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ވަކި ޤާނޫނެއްގެ ތެރެއިންކަމާއި، އެ މަޝްރޫޢަކަށް ޚާއްސަކޮށްފައިވާ ވަކި ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭކަން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ނޭގުމަކީ އެފަރާތްތަކުގެ ޤާބިލްކަމާމެދު ސުވާލު އުފެދޭކަމެއްކަމަށް މިނިސްޓަރު ވިދާޅުވި. އަދި އެފަދަ ޤާނޫނެއްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ހިސާބުން އެމަޝްރޫއެއްގެ ހުރިހާ މަޢުލޫމާތެއް ތަފްސީލުކޮށް މަޖިލީހަށާއި، ރައްޔިތުންނަށް ހާމަވާނެކަމަކީ ފެންނަން އޮތް ހަޤީގަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފ. އަތޮޅަށް އަމާޒުކޮށްގެން ސަރުކާރުން ހިިންގަވާ ބިޔަ މަޝްރޫޢާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ މަޝްރޫޢަކީ އެ ސަރަޙައްދުގެ އާބާދީ އިތުރުވެ، ރައްޔިތުންގެ ޢިޤްތިޞާދީ ފުދުންތެރިކަން އިތުރުވެ ގިނަ ފަހި ފުރުސަތުތަކެއް ދިވެހިންނަށް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ.