ތަރައްްޤީ

ޕިއާނޯ ރައުންޑުގެ މިރޭގެ ޝޯވއަށް އެސްއެމްއެސް ކުރަން ހުޅުވާލައިފި


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޕިއާނޯ ރައުންޑުގައި މިރޭ ލަވަ ހުށައަޅައިދިން 8 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކު ހޮވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕިއާނޯ ރައުންޑްގެ ދެވަނަ ޝޯވ މިރޭ ޓީ.ވީ.އެމުން ދައްކާފައިވާއިރު، މިރޭގެ ޝޯވގައި ގަދަ 16 އަށް ދަތުރުކުރި ބައިވެރިންގެ ތެރެއިން މިދިޔަ ހަފްތާގަައި ނުފެންނަ 8 ބައިވެރިންގެ ހުށައެޅުން ފެނިގެންގޮސްފައިވެއެވެ.

މި 8 ބައިވެރިންނަކީ:-

- އަޙްމަދު ނަބީލް މުޙައްމަދު / ކ. މާލެ

- ޙަމޫދު އަޙްމަދު / ކ. މާލެ

- ޙަސަން އިރުފާން / ކ. މާލެ

- އަޙްމަދު ފަރާޝް / ފުވައްމުލައް ސިޓީ

- އައިޝަތު ޖައިޝާ ވަޙީދު / ސ. ހުޅުދޫ

- އަޙްމަދު ނާއިޝް ނިޔާޒް / ކ. މާލެ

- ޢަބްދުﷲ ހިޝާން / ތ. މަޑިފުށި

- ޙުސެއިން ސަމާޙް / ކ. މާލެ

މި 8 ބައިވެރިންގެ ފަރާތުން މިރޭގެ ޝޯވގައި ހިތްގައިމު ހުށައެޅުންތަކެއް ފެނިގެންދިޔައިރު، މީގެތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މާދަމާ މެންދުރުފަހު 3 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

މި 8 ބައިވެރިންގެ ތެރެއިން ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓާއެކު، އެންމެ ގިނަ ޕޮއިންޓު ލިބޭ ބައިވެރިން ހިމެނޭހެން މީގެ ތެރެއިން ގާލާ ރައުންޑަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ. އެލިމިނޭޝަން ޝޯވގެ ނަތީޖާ އިޢުލާންކުރުން ޓީ.ވީ.އެމުން ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ "ކްރޯވް ހޮވަތް އެލް.އެލް.ޕީ" އޮޑިޓް ފަރމާއެވެ.

މާދަމާ ރޭ އޮންނަ އެލިމިނޭޝަން ނައިޓުގެ ޝޯވއާއެކު ގާލާ ރައުންޑަށް ދަތުރުކުރާ ގަދަ 12 ބައިވެރިން ޔަޤީންވެގެންދާނެއެވެ.