ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި އޮންނަނީ ފަތުވެރިކަމުގެ ސިނާޢަތުގެ މައްޗަށެވެ. މިގޮތަށް އޮތް އޮތުމަށް ބަދަލުގެނެސް އެހެން ސިނާޢަތްތަކުން ލިބޭ ޢާމްދަނީ އިތުރުކޮށް އެހެން ސިނާޢަތްތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް ސިނާޢަތަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޢަތެވެ.
އެމްއެމްއޭއިން ޢާންމުކުރައްވާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންސްޓްރަކްޝަން ސިނާޢަތުގައި ވިޔަފާރިކުރާ ކުންފުނިތައް މިދިޔަ އަހަރުގެ ފަހުކުއާޓާގައި ވަނީ އިތުރުވެފައެވެ. އަދި މިއަހަރުގެ ތެރޭގައި ކޮންސްޓްރަކްޝަން ސިނާޢަތުގައި ވަޒީފާ އަދާކުރާ މީހުންގެ އަދަދު އިތުރުވާނެކަމަށް މި ވިޔަފާރިކުރާ ފަރާތްތަކުން ބުނެފައިވާކަމަށް އެމްއެމްއޭގެ ދިރާސާއަކުން ވަނީ ދައްކާފައެވެ.
ކޮންސްޓްރަކްޝަން ސިނާޢަތް ހަލުވިމިނެއްގައި ކުރިއެރުމުގެ އަސްލަކީ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުކަމަށް މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވިއެވެ. ޖަނާޙް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ކުރިއަރައިގެންދަނީ ވަރަށް ހަލުވިމިނެއްގައެވެ. އަދި މިހާރު ރާއްޖޭގެ ޢާމްދަނީ ނިސްބަތުން ބޮލަކަށްޖެހޭ މިންވަރު އުޅެނީ އަށްހާސް ޑޮލަރުގައިކަމަށް ވުމުން މިއީ ރާއްޖޭގެ އިޤްތިޞާދުގެ ހަލުވި ދުވެލި އަންގައިދޭ އަދަދެއްކަމަށް ޖަނާޙް ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ދެކެމުން މިދަނީ މީގެކުރިން ދުވަހަކުވެސް ނުދެކޭވަރުގެ ބޮޑު ކުރިއެރުމެއްކަމުގައި މަސީގެ ރައީސް ވިދާޅުވިއެވެ. 2016 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާފައިވަނީ 3.9 އިންސައްތައެވެ. މިހިނގާ 2017 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 4.7 އިންސައްތަ ކުރިއަރާނެކަމަށްވަނީ ލަފާކޮށްފައެވެ.