ކުޅިވަރު

ރާއްޖެއާއެކު ކުޅުމަށް އަފްޤާނިސްތާނާ މިޔަންމާއިން އެދެފި


ޤައުމީ ފުޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ބައެއް ޤައުމުތަކުން ފުރުސަތު ލިބިފައިވާ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ. 

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވާން ރާއްޖެއިން ގިނަ މަސައްކަތްތަކެއް މިފަހަރު ކުރާނެ ކަމަށާއި، އަދި ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް މިހާރުވެސް އެހެން ޤައުމުތަކުގެ ދަޢުވަތު ލިބެމުން އަންނަ ކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން އަފްޤާނިސްތާނާ މިޔަންމާއިން މިހާރުވެސް ރާއްޖެއަށް ދަޢުވަތު ދީފައިވާ ކަމަށާއި މިދެޤައުމުންވެސް ދަޢުވަތު ދިނީ އެޤައުމުގަ މެޗްތައް ކުޅެން ކަމަށް ބައްސާމް ވިދާޅުވިއެވެ. ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންގައި ފުރަތަމަ މެޗް އަމިއްލަ ފަސްގަނޑުގައި ކުޅެން ޖެހޭތީ ވިސްނުން ހުރީ އެކުވެރިކަމުގެ މެޗްތައް ރާއްޖޭގައި ކުޅުމަށް ކަމަށާއި އެދެޤައުމާ ވާހަކަދައްކައިގެން މިމެޗްތައް ރާއްޖެއަށް ބަދަލު ކުރުމަށް މަސައްކަތް ކުރާ ކަމަށްވެސް އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ. 

" ކޯޗް މާލެއައުމުން ކޯޗާއެކު މަޝްވަރާކޮށްފަ މެޗްތައް ކުޅޭނެ ތާރީޚުތަކެއް ފައިނަލް ކުރާނީ. ކޯޗް ބޭނުންވެއްޖެ ނަމަ މިހާރު ލިބިފައި ހުރި ފުރުސަތުތަކުގެ ބޭނުންކޮށް އެމެޗްތައް ޤައުމުން ބޭރުގައިވެސް ކުޅެވިދާނެ" ބައްސާމް ވިދާޅުވިއެވެ.

ޤައުމީ ޓީމްގެ ކޯޗް ޑެރެން ސްޓުވާޓް މިމަހުގެ 15ވަނަ ދުވަހު މާލެ އަންނާނެ ކަމަށާއި ކޯޗް ނިންމާ ގޮތަކަށް ކުރިއަށްދާން އެފްއޭއެމް ތައްޔާރު ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

 އަވައްޓެރި ސްރީލަންކާއިންވެސް ދެމެޗް ކުޅެން ދަޢުވަތު ދީފައިވާ ކަމަށާއި ލަންކާގެ އެދުމަކީ އެއް މެޗް މާލޭގައި ކުޅެ ދެވަނަ މެޗް ލަންކާގައި ކުޅުމަށް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ، ފަލަސްތީން، ބޫޓާން އަދި އޮމާންއެވެ.

 ފުރަތަމަ މެޗްގައި ރާއްޖެ މާޗް މަހު 28ވަނަ ދުވަހު ނިކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ މާލޭގައެވެ. ދެވަނަ މެޗްގައި ޖޫން 13ގައި ރާއްޖެ ވާދަކުރަން ޖެހޭނީ ބޫޓާނާއެވެ. މިމެޗް ކުޅޭނީ ބޫޓާންގައެވެ. 4 ޓީމް ހިމެނޭ މިގްރޫޕްގެ ގަދަ ދެޓީމަށް 2019ވަނަ އަހަރު ޔޫއޭއީގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ. ހަތަރު އަހަރުން އެއްއަހަރު ބާއްވާ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އޮސްޓްރޭލިއާއެވެ.