އަތޮޅުތައް

ކެނދިކުޅުދޫ ލަރނިންގ ސެންޓަރު އަންނަ މަހަށް ނިންމަނީ


ނ. ކެނދިކުޅުދޫގައި ޢިމާރާތްކުރައްވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލަރނިންގ ސެންޓަރުގެ މަސައްކަތް ކުރިއަށް އޮތްމަހެއްހާ ދުވަހުގެ ތެރޭގައި ނިންމަވައި، އެތާނގައި ކިޔަވައިދެއްވަން ފެށޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ގޮފިތައް އިތުރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ކެނދިކުޅުދޫގައި ޢިމާރާތްކުރައްވަނީ 2 ކްލާސް ރޫމްގެ ލަރނިންގ ސެންޓަރެކެވެ. 

ޤައުމީ ޔުނިވަރސިޓީން ތަޢުލީމީ ދާއިރާއިންނާއި، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ހިންގަވާ ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތައް މި ސެންޓަރުގައި ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. މިސެންޓަރު ހައްދަވަނީ ކެނދިކުޅުދޫ ސްކޫލާ އިންވާ ގޮތަށެވެ. 

ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ޙަމްދޫން ޢަލީ ވިދާޅުވީ، އެމް.އެން.ޔޫ ލަރނިންގ ސެންޓަރުގެ ދެ ކްލާސް ރޫމްވެސް ހަދާނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ކަމަށެވެ. އަދި މިއިން ކޮންމެ ކްލާސް ރޫމަކީވެސް ތިރީސް ފަސް ކުދިންގެ ޖާގައިގެ ކްލާސް ރޫމެއްކަމަށާއި، މި ޢިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި މިހާރު ކުރަނީ ޢިމާރާތް ހިޔާކުރުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ޢިމާރާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މި ޢިމާރާތުގެ މަސައްކަތް ނިމި، އެތަނުގައި ކިޔަވައިދެއްވަން ފެށްޓެވުމުން، ކެނދިކުޅުދޫގައި ތަޢުލީމީ ދާއިރާއިންނާއި، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އެ ދާއިރާތަކުން ފަސޭހަކަމާއެކު ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ކެނދިކުޅުދޫ ކައުންސިލުން ވިދާޅުވެއެވެ.