ތަރައްްޤީ

އައު ރަންވޭގެ މަސައްކަތް މި މަހު 27 ގައި ފަށަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަދާ އައު ރަންވޭގެ ޢަމަލީ މަސައްކަތް މިމަހުގެ 27 ވަނަ ދުވަހު ރަސްމީގޮތުން ފެށްޓެވުމަށް ނިންމަވައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނީ އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން ހިންގަވާ ބިޔަ މަޝްރޫޢުގެ މަސައްކަތުގެ ދަށުން އައު ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރައްވާ، ޤައުމުގެ ތަރައްޤީއަށް މިވަގުތު ސަރުކާރުން ހިންގަވާ އެންމެ މުހިއްމު އެއް މަޝްރޫޢަކީ ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ ބިޔަ މަޝްރޫޢެވެ. 

ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ޚަރަދު ކުރައްވައިގެން ހިންގަވާ މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރު މިނުގައި ކުރައްވާ މަސައްކަތަކީ އެއަރޕޯޓުގައި ހަދާ އައު ރަންވޭއަށް ބޭނުންވާ ބިން ހިއްކެވުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރަމުންދަނީ ދުބާއީގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ "ގަލްފް ކޮބްލާ" އާ ހަވާލުކުރައްވައިގެންނެވެ. އައު ރަންވޭއަށް ބޭނުންވާ ބިން ހިއްކުމާއި، ޝޯ-ޕްރޮޓެކްޝަންގެ %90 މަސައްކަތް ވަނީ ނިމިފައެވެ.

ޕީ.އެސް.އެމްއަށް މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އައު ރަންވޭގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށްޓެވުމަށްޓަކާ، އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާއި ގުޅިގެން އެކުންފުނިން މިހާރު ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން މިމަހުގެ 27 ވަނަ ދުވަހު އައު ރަންވޭގެ ޢަމަލީ މަސައްކަތް ފެށްޓުމަށްޓަކާ ޚާއްސަ ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޢާދިލް ވިދާޅުވިއެވެ.

އައު ރަންވޭގެ މަސައްކަތް ކުރިއަށްއޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒުކަމަށާއި ޓެކްނިކަލްގޮތުން ހަދަންޖެހޭ ހުރިހާ ދިރާސާތަކެއް ނިމިފައިވާކަމަށް އާދިލް ވިދާޅުވިއެވެ. ރަންވޭ ހެދުމަށް  ބޭނުންވާ ފައިސާ ޗައިނާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ވަނީ ހަމަޖެހިފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ބޭނުންކުރަނީ 75 ފޫޓު ފުޅާ، 3000 ފޫޓު ދިގު ރަންވޭއެކެވެ. އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް އަޅާ ރަންވޭއަކީ ދިގުމިނުގައި 3400 މީޓަރު، އަދި ފުޅާމިނުގައި 65 މީޓަރުގެ ރަންވޭއެކެވެ. މި ރަންވޭ ތަރައްޤީކުރެވޭނީ  ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓް އޭ ތްރީ އެއިޓީގެ ބޯޓްފަހަރަށް ޖެއްސޭ ފެންވަރަށެވެ. 

އައު ރަންވޭ ހެދުމަށް ހަމަޖެހިފައިވަނީ ހުޅުލޭގައި މިހާރު އޮތް ރަންވޭގެ އިރަށް ވާގޮތަށެވެ. އައު ރަންވޭގެ މަސައްކަތް ނިމި، ކުރިން ބޭނުންކުރަމުންއައި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރުމުން، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އެގޮތުން ރަންވޭއަށް ބޯޓްފަހަރު ޖައްސަން ޖާގަ ނުލިބުމާއި، ފުލައިޓް ޑީލޭވުމުގެ މައްސަލައާއި، އަދި ޕާކްކުރާނެ ޖާގަނެތުމުގެ މައްސަލަ މުޅިން ޙައްލުވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. އައު ރަންވޭއާއެކު އިތުރު ޓެކްސީވޭތަކާއި، އޭޕްރަންތައްވެސް ތަރައްޤީކުރެވޭނެއެވެ.

އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގައި އައު ރަންވޭއެއް އެޅުމުގެ އިތުރުން ހިންގެވުމަށް ހަމަޖެހިފައިވާ މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި، ޒަމާނީ ފެންވަރުގެ ކާގޯ ކޮމްޕްލެކްސްއެއް އެޅުމާއި، ފިއުލް ފާރމެއް ތަރައްޤީކުރެއްވުމާއި އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލާއި ޑޮމެސްޓިކް، ޓަރމިނަލް ތަރައްޤީކުރެއްވުން ހިމެނެއެވެ. 

މި މަޝްރޫޢަކީ ދިވެހި ރައްޔިތުންގެ ފުދުންތެރިކަމާއި، ގުޅިފައިވާ އުއްމީދީ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ. އެގޮތުން މުޅި މި މަޝްރޫޢު ނިމިގެންދާއިރު، އެއަރޕޯޓުން އެކަނިވެސް އިތުރު 3000 ވަޒީފާ އުފެއްދިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢާއެކު މިހާރު ބޭނުންކުރަމުންދާ އެއަރޕޯޓަށް %30 ގެ ޖާގަ އިތުރުކޮށް، އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވޭނެއެވެ.