ރިސޯޓް ދާއިރާގެ އެންމެހާ ވަޒީފާތަކަކީ ދިވެހިންނަށް ޚާއްޞަ ވަޒީފާތަކަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒުކަމަށް ޓޫރިޒަމް މިނިސްޓަރުގެ ނާއިބު ޙުސައިން ޟިރާރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މީގެ ކުރިން މި ދާއިރާގައި ދިވެހިން އަދާނުކުރާ ގިނަ ވަޒީފާތަކެއްގައި ދިވެހިން މިހާރު ޙަރަކާތްތެރިވަމުންދެއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ބަދައަށްވާއިރު މި ސިނާޢަތުން ސީދާ ދިވެހިންނަށް ލިބޭ މަންފާ އިތުރުކުރެއްވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވައެވެ. މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އަލަށް ހުޅުވި ރިސޯޓްތަކުގެ ވަޒީފާތައް ސީދާ ދިވެހިންނަށް ދެއްވުމަށް ސަރުކާރުން ވަނީ މަސައްކަތްކުރައްވާފައެވެ.
އެގޮތުން ކޮންމެ ރިސޯޓެއްގެވެސް 85 އިންސައްތަ ވަޒީފާއަކީ ދިވެހިންނަށް ޚާއްޞަ ވަޒީފާތަކަށް ވާންޖެހެއެވެ. މިއަހަރުގެތެރޭގައި ހުޅުވަން އަމާޒު ހިފާފައިވާ 23 ރިސޯޓުންވެސް ވިހާވެސް ގިނަ ވަޒީފާތައް ދިވެހިންނަށް ޚާއްޞަކުރުމަށް ސަރުކާރުން ވަނީ އެދިވަޑައިގެންފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ ފަންނީ އަދި ތައުލީމީ ޤާބިލު ބަޔަކަށް ދިވެހި ޒުވާނުން ހެއްދެވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. މި ސިނާޢަތުގެ އެކި ދާއިރާތަކުން ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަކަން ޓޫރިޒަމް މިނިސްޓަރުގެ ނާއިބު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރައްވަން ސަރުކާރުން ހިންގަވާ މަޝްރޫއުތަކުގެ ތެރެއިން މިއަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރުގެ ނާއިބު ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ފަހިވާނެކަމަށް ޙުސައިން ޟިރާރު ވިދާޅުވިއެވެ.
ވަޒީފާ އިތުރުކުރެއްވުމުގައިވެސް ސަރުކާރުން އިސްކަންދެއްވަނީ ފަންނީ ހުނަރުތައް ދަސްކޮށްދެއްވައި ތަޢުލީމީ ޒުވާނުންތަކެއް ވަޒީފާތަކަށް ނެރުމަށްކަމަށް ޟިރާރު ވިދާޅުވިއެވެ. އެގޮތުން ހޮސްޕިޓަލިޓީ ދާއިރާއިން ކުރު ކޯސްތަކެއް ހިންގަވައި ޒުވާނުންނަށް ތަމްރީނު ދެއްވާކަން ޟިރާރު ފާހަގަކުރެއްވިއެވެ.