ހުޅުމާލޭގެ މިސްކިތްތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގަވަން ޤުރުއާނާބެހޭ މަރުކަޒުން ނިންމަވައިފިއެވެ.
ހުޅުމާލޭގެ މިސްކިތްތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގަވަން ނިންމަވާފައިވަނީ އެމަރުކަޒުގެ ހުޅުމާލެ ގޮފި މެދުވެރިކުރައްވައިގެން ކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ. ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ އެމަރުކަޒުގެ ހުޅުމާލޭގެ ގޮފި މެދުވެރިކުރައްވައި ޤުރުއާނުގެ ފަންނު ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ މީހަކަށް ހެއްދެވުމަކީ އެމަރުކަޒުގެ އަމާޒެއް ކަމަށް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭނެ ގޭގެއަށް ގޮސް ޤުރުއާން މުދައްރިސުން ޓިއުޝަން ނަގާ ގޮތް. ވަރަށް ބޮޑު ފީއެއް ނަގާ. އޭގެ ބަދަލުގައި ސަރުކާރުން ފަހިކޮށްދެނީ ކިޔަވަން ބޭނުންވާ މީހާއަށް ހިލޭ ކިޔަވައިދިނުން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ޖާގަލިބޭ މިންވަރަކުން އަޅުގަނޑުމެންނަށް މި ކްލާސްތައް ހިންގޭނީ" އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14858370341875.jpg| ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް
2 އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު ޤުރުއާނާބެހޭ މަރުކަޒުގެ ހުޅުމާލޭ ގޮފީގެ މަސައްކަތް މިމަހުގެ 23 ވަނަ ދުވަހު ވަނީ ފަށްޓަވާފައެވެ.
އެ ގޮފީގައި މިވަގުތު ކުރިއަށް ގެންދަވަނީ ހަމައެކަނި ތަޖުވީދުމަގުން ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކޯސްތަކެކެވެ. މި ގޮތުން ހަތަރު ލެވެލެއްގެ ކޯސްތަކެއް އެ ގޮފީގައި ކުރިއަށް ގެންދަވައެވެ. އެއީ ޤިރާއަތު ލެވެލް 1 އިން ފެށިގެން ލެވެލް ހަތަރަކާ ހަމައަށެވެ. ނަމަވެސް ހުޅުމާލޭ ގޮފިން ހިންގަވާ ކޯސްތައް ކުރިއަށް އޮތް ތާނގައި، އިތުރުކުރައްވާނެ ކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވިއެވެ.
ޤުރުއާނާބެހޭ މަރުކަޒުގެ ހުޅުމާލޭ ގޮފީގެ ކޯސްތަކުގައި 90 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.