މުލަކަތޮޅު ދިއްގަރަކީ ބާރަ ސަތޭކައެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. މިރަށަކީ ބިމުގެ ގޮތުން އެހާ ތަނަވަސް ރަށެއް ނޫނެވެ. އެހެންކަމުން މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަމެވެ. އަދި މިރަށުން ދިރިއުޅުމަށް ގޯތި ދޫނުކުރައްވާތާ މިހާރު ވަނީ ހަތަރު އަހަރުވެފައެވެ. ދިއްގަރުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެހެންކަމުން މިރަށުގައި ރައްޔިތުންނަށް ބޯހިޔަވަހިކަމަށް ދިމާވެފައިވާ ދަތިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުން އެރަށު ކައުންސިލުން މިހާރު ވަނީ ގޯތި ދޫކުރައްވަން ނިންމަވާފައެވެ.
ޓީވީއެމްއަށް ދެއްވި ޙާއްޞަ އިންޓަރވިއުއްގައި ވާހަކަދައްކަވަމުން، ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާޢީލް ވިދާޅުވީ ގިނަ ޢަދަދެއްގެ މީހުން ގޯއްޗަށް އެދި ކައުންސިލަށް ހުށަހަޅަމުންދާކަމަށެވެ. އަދި ބިން ދޫކުރުމަށް ހުއްދަ ހައުސިންގ މިނިސްޓްރީން މިހާރު ދެއްވާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ގޯތި ދޫކުރުމުގެ މަސައްކަތް ފަށްޓަވާނަން. މިހާރުކުރަމުން މިދަނީ މިކަމަށް ބޭނުންވާ އުސޫލު ތައްޔާރުކުރުމުގެ މަސައްކަތް. މިފަހަރު ދޫކުރާނީ 40 ވަރަކަށް ގޯތި އެއީ 1000 އަކަފޫޓްގެ. މީގެކުރިންވެސް ދޫކުރީ ހަމަ 1000 އަކަފޫޓްގެ ގޯތި" ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާޢީލް ވިދާޅުވިއެވެ.
ދިއްގަރުން މިފަހަރު ގޯތި ދޫކުރުމަށް ނިންމާފައިވަނީ އެރަށުގައި ހިއްކާފައި އޮތް ބިމުންނެވެ. ދިއްގަރު ކައުންސިލުން ވިދާޅުވީ ރަށަށް ބިމުގެ ދަތިކަމަށް ޙައްލެއް ގެނައުމަށް އިތުރު ބިން ހިއްކަން ޖެހޭކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީއާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެެވެ.