ޤައުމު ބިނާ ކުރުމަށާއި ދިވެހި ރައްޔިތުންނަށްޓަކައި ސިފައިން ކުރަމުންދަނީ، އަގުހުރި ޚިދުމަތްތެރި މަސައްކަތްތަކެއްކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީޕް ޢުމަރު ވިދާޅުވެއްޖެއެވެ.
ހއ.އުތީމުގައި ބޭއްވި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރާއްޖޭގައި ހުރި ހުރިހާ މުޢައްސަސާތަކެއްގެ ތެރެއިން ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށްޓަކައި، އަދި ޤައުމަށްޓަކައި ވެވަޑައިގަންނަވާ ޤުރުބާނީގައި ދިވެހި ސިފައިން ވަރުގެ ބަޔަކު ނެތް ކަމަށެވެ. އެގޮތުން މި ތިން އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން އެމީހުންގެ ޤައުމީ ވާޖިބު އަދާކުރުމުގެ އިތުރުން ޤައުމު ބިނާކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ، ދިވެހި ރާއްޖޭގެ ދިފާޢީ ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންނަށްޓަކައި ކަމަށާއި ރަށްރަށުގައި ޕްރޮގްރާމްތައް ކުރިއަށްދާއިރު، ރައްޔިތުން އެފަދަ ކަންކަމަށް އެއްބާރުލުން ދިނުން މުޙިއްމު ކަމަށެވެ. އެގޮތުން ސިފައިން ކުރާ މަސައްކަތްތަކަކީ ތަފާތު، ގިނަ ދާއިރާތަކެއް ހިމެނޭ މަސައްކަތްތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14842424949414.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު- ފޮޓޯ: ޕީއެސްއެމް
މި ރަސްމިއްޔާތުގައި ވަނީ "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވާފައެވެ. އަދި އެންމެ ބޮޑު ކުރިއެރުމެއް ހޯދި 3 ބައިވެރިން ފާހަގަކުރައްވާ އެބައިވެރިންނަށް ތަށްޓާއި ހަނދާނީ ލިޔުންވެސް ދެއްވާފައިވެއެވެ. މި ޕްރޮގްރާމުން އެއްވަނަ ހޯދާފައިވަނީ، އިބްރާހިމް ޙަބީބްއެވެ. ދެވަނައަށް ޢަލީ ހާފިޒު ހޮވުނުއިރު، ތިންވަނައަށް ހޮވުނީ، ނާޒިމާ ޢަބްދުއްލަތީފްއެވެ.
އެމްއެންޑީއެފްގެ މި ހަރަކާތް ނިންމާލި ނަމަވެސް، ބައިވެރިން ތިބީ އެކަމާ ދުރަށް ދާ ގޮތަށް ނޫންކަން ފާހަގަކޮށްލެވެއެވެ. މި ޙަރަކާތުގައި ބައިވެރިވި ބައެއް ބައިވެރިންނަށް ވަނީ، އިތުރު ތަމްރީންތަކެއް ދެއްވާފައެވެ. މި ބައިވެރިން ނިންމާފައިވަނީ، އިތުރު 20 ދުވަހަށް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށެވެ. މިމަހުގެ ސަތާރައިން ފެށިގެން 10 ދުވަހުގެ ނިޔަލަށް ކުރިއަށްގެންދެވި މި ޕްރޮގްރާމްގައި 132 މީހުން ބައިވެރިވެފައިވެއެވެ.