ތަޢުލީމު

3 މާއްދާއަށްވުރެ މަދުން ފާސްވި ދަރިވަރުންނަށް އިތުރު ފުރުޞަތެއް


ނިމުނު އަހަރުގެ ޘާނަވީ އިމްތިޙާނުގައި ތިން މާއްދާއަށް ވުރެ މަދުން ފާސްވި ދަރިވަރުންނަށް ތަޢުލީމު އުނގެނުމުގެ އިތުރު ފުރުޞަތުތަކެއް ފަހިކޮށްދެއްވާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ނިމުނު އަހަރުގެ ޘާނަވީ ޢިމްތިޙާނުގެ ނަތީޖާއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރ ޢާއިޝަތު ޝިހާމު ވިދާޅުވީ ޘާނަވީ އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންނާއި ބެލެނިވެރިންނާއި މަޝްވަރާކުރައްވައިގެން އެ ކުދިން ކުރިއަށްދާން ބޭނުންވާ ދާއިރާތައް ހޯދައި މިނިސްޓްރީގައި ރެކޯޑްކޮށް ބަލަހައްޓަވަމުން ގެންދަވާ ކަމަށެވެ. އަދި އެ ދަރިވަރުންގެ އުމުރުން 18 އަހަރު ފުރެންދެން ތަޢުލީމީ ނިޒާމުގެ ތެރެއިން އެ ކުދިން ބަލަހައްޓަވަމުން ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އޯލެވެލް އިމްތިޙާނުން 3 މާއްދާއަށް ވުރެ މަދުން ފާސްވި ދަރިވަރުންގެ ފެންވަރު ރަނގަޅުކުރެއްވުމަށް އެކުދިންނަށް އިތުރު ފުރުޞަތު ފަހިކޮށްދޭން ނިންމާފައިވަނީ ބީޓެކް ނުވަތަ އެފަދަ އެހެން ޕްރޮގްރާމެއްގެ ތެރެއިން އިތުރު ދެ އަހަރު ކިޔަވައިދީގެން ވަޒީފާ ނުވަތަ މަތީތަޢުލީމުގެ ފުރުޞަތުތައް ފަހިވާނެ ގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެކި ދާއިރާގައި މަސައްކަތްކޮށް، ވިޔަފާރިކަމަށް ވިޔަސް ޓުއަރިޒަމް ދާއިރާގައިކަމަށް ވިޔަސް މިދާއިރާގެ އެކިއެކި ބޭފުޅުންނާއި ކުންފުނިތަކާއި ވާހަކަދެކެވިގެން ސްކޫލްތަކުން މިނިމޭ ކުދިންނަށް އަދި މަތީ ތަޢުލީމު ދެވޭ ކުދިންނަށް ވެސް އިތުރު ފުރުޞަތުތަކެއްވެސް އެ ވަޒީފާ އާއި ގުޅުމުގެ ފުރުޞަތުތަކެއް ވެސް ސްކޫލްތަކުގެ ތެރޭގައި އެ މަސައްކަތްތައް ވެސް ކުރެވެމުން އެބަދޭ." މިނިސްޓަރ ޝިހާމް ވިދާޅުވިއެވެ. 

ނިމުނު އަހަރު މުޅި ރާއްޖެއިން ފަސްހާސް ހަތަރު ސަތޭކަ ދިހަ ދަރިވަރުން އޯލެވެލް އިމްތިޙާން ހަދާފައިވެއެވެ. މީގެ ތެރެއިން ހަތްދިހަ ނުވައެއް އިންސައްތަ ދަރިވަރުން ވަނީ ހުރިހާ މާއްދާއަކުން ފާސްވެފައެވެ.