ސްކިލް ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ސަބަބުން ވަޒީފާތަކަށް ނިކުންނަ ޒުވާނުންގެ ޢަދަދު އިތުރުވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ވަން އެންޑް ރީތި ރަށް ރިސޯޓުގެ ދެހާސް ސޯޅަވަނަ އަހަރުގެ އެޕްރެންޓިސް ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމް ވިދާޅުވީ ރިސޯޓްތަކުން ހިންގާ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ތަމްރީން ލިބިފައިވާ ޒުވާނުން ވަޒީފާގެ މައިދާނަށް ނިކުންނަމުންދާ ކަމަށެވެ. އަދި މިއީ ސަރުކާރުން ޒުވާނުންނާ މެދު ދެކެމުން އަންނަ އުއްމީދުތައް ފުރިހަމަކޮށްދެއްވުމަށް ޕްރައިވެޓް ސެކްޓަރއިންކޮށްދެއްވާ މުހިއްމުކަމެއްކަމުގައި ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14851624643500.jpg|ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ އެޕްރެންޓިސް ޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް
ވަން އެންޑް އޮންލީ ރީތިރަށުން ހިންގި މި އެޕްރެންޓިސް ޕްރޮގްރާމްގައި ހަތް ދަރިވަރަކުވަނީ ތަމްރީން ނިންމާފައި. މި ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުން ނުވަދިހަ އިންސަތަ ކުދިންނަށް ރީތިރަށް ރިސޯޓުން ވަޒީފާގެ ފުރުސަތު ދީފައިވާކަމަށް އެ ރިސޯޓުން ބުނެއެވެ. މި ތަމްރީން ޕްރޮގްރާމް ހިންގާފައިވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭއްވި ޖޮބް ފެއަރތަކުގެ ތެރެއިން ހޮވުނު ކުދިންނަށެވެ. ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ބެސްޓް އެޕްރެންޓިސް އޮފް ދި އިޔަރ 2016 އަށް ހޮވުނީ މުހައްމަދު މިސާލުއެވެ. img:http://s4.psmnews.mv/images/660x400/14851623739743.jpg|ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ 2016 ވަނަ އަހަރުގެ އެޕްރެންޓިސް ޕްރޮގްރާމް ނިންމާލުން - ފޮޓޯ: ޕީއެސްއެމް 2010 ވަނަ އަހަރުން ފެށިގެން ރީތިރަށުން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްތަކުގައި މިހާތަނަށްވެސް ގިނަ ބަޔަކަށް ވަޒީފާ ތަނަވަސްކޮށްދީފައިވާކަމަށް އެރިސޯޓުން ބުނެއެވެ. އަދި މިއަހަރު ހިންގަން ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމަށް މިހާރު 10 ކުއްޖަކު ނަގާފައިވާކަމަށް އެ ރިސޯޓުން ބުނެއެވެ.