ކުޅިވަރު

ސެޓަރާއި، ލިބަރޯގެ ވާދަ - ޓީމަށް ޔަޤީންކަން، ކޯޗަށް އިތުބާރު


ކުރިއަށް އޮތީ ރާއްޖޭގެ ކުޅިވަރަށް ޚާއްޞަކޮށް ވޮލީބޯޅައަށް މުޙިންމު ހަފްތާއެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް ވޮލީބޯޅަ މުބާރާތެއް ކުޅުމުގެ ފުރުޞަތު ލިބި، ހުރިހާ ދިމާއަކުން އެކަމަށް ދަނީ ތައްޔާރުވަމުންނެވެ. 2018 އެފް.އައި.ވީ.ބީ ވިމެންސް ވަރލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގެ އޭޝިއން ސެންޓްރަލް ޒޯންގެ ތިން މެޗު ކުޅޭނީ ރާއްޖޭގައެވެ.

އޭޝިއަން ސެންޓްރަލް ޒޯންގެ ކޮލިފައިންގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ ނޭޕާލާއި، އިރާނެވެ. ކޮލިފައިންގއާއި ކުރިމަތިލާއިރު ރާއްޖޭގެ ޓީމަށާއި، ސަޕޯޓަރުންނަށް އަދި ވޮލީ އާއިލާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމީ ޓީމް ޕްރެކްޓިސްކުރާތާ ދުވަސްތަކެއް ވެފައިވުމެވެ. އެކުގައި ގިނަ ދުވަހު ޕްރެކްޓިސް ކުރަމުން ދަނިކޮށް، ކޮލިފައިންގ މެޗުތައް ރާއްޖޭގައި ކުޅެން ފުރުޞަތު ލިބުމުން ލިބުނު އުފާވެރިކަމާއެކު ޓީމްގެ ޖޯޝާއި، އިތުބާރުވެސް ވަނީ ބޮޑުވެފައެވެ.

ޓީމްގައި ހުނަރުވެރި ކުޅުންތެރިން އެބަތިއްބެވެ. ފިރިހެން ޤައުމީ ޓީމާ އެއްގޮތަށް އަންހެން ޓީމްގައިވެސް އެޓޭކް ފެންނަނީ އެހެން ޑިޕާރޓްމަންޓްކަށްވުރެ ވަރުގަދަކޮށެވެ. ނަމަވެސް މިހާރު މުޅިން އެހެން ބުނުމުގެ ފުރުޞަތު ގެއްލި އަންހެން ޓީމްގެ ސެޓަރާއި، ލިބަރޯއާ މެދު ކުރެވޭ އުއްމީދާއި އިތުބާރުވެސް ބޮޑުވެއްޖެއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެއްވަރުގެ މޮޅު ދެ ސެޓަރުންނާއި، ލިބަރޯން ޓީމްގައި ތިބުމެވެ. ޓީމަށް އަރަށް ދެސެޓަރުން ކުރަންޖެހޭ މަސައްކަތް ބޮޑުވެ، ވާދަވަރިކަން އިތުރުވުމުގެ ހުރިހާ ފައިދާއެއް އޮތީ ޓީމްގެ އެހެން ކުޅުންތެރިންނާއި ކޯޗިންގ ޓީމަށެވެ.

މިދިޔަ މުބާރާތްތަކުގައި ޓީމްގެ އެއްވަނަ ސެޓަރު ފާޠިމަޔު ޖޫޒާންއަށް މިހާރު އޭނާގެ މަޤާމް ޔަޤީނެއް ނޫނެވެ. އަލަށް ޓީމުން ޖާގަ ހޯދާ، ޤައުމީ ޖަރޒީގައި ފުރަތަމަ މުބާރާތާ ކުރިމަތިލާ ފާތިމަތު މަޒިއްޔާ ހުރީ ދޫދޭކަށްނޫނެވެ. ޖޫޒާންވެސް ކުޅުނު ޤާއުމީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މަޒިއްޔާގެ ހުނަރު ވަކި ދެރައެއްނޫނެވެ. ޤައުމީ ޓީމްގެ ކޯޗު އަހުމަދު އަދީލް ޤަބޫލުކުރާގޮތުގައި ޖޫޒާންއާއި އެންމެ އެއްގޮތް ސެޓަރަކީ މިހާރު މަޒިއްޔާއެވެ. ދެ ކުޅުންތެރިންގެ ތަފާތަކީ ޤައުމީ ޓީމްގެ ތަޖުރިބާއެވެ. ޖޫޒާންގެ ތަޖުރިބާގެ މައްޗަށް ގަދަވެ ޓީމުން ޖާގަ ހޯދަން މަޒިއްޔާ އެދަނީ މަސައްކަތްކުރަމުންނެވެ.

" ޓީމުން ޖާގަ ހޯދަން ވަރަށް މަސައްކަތް ކުރާނަން. ކޮއްކޮއާއެކު ޓީމަށް ކުޅެން ބޭނުން " މަޒިއްޔާ ބުނެފައިވެއެވެ.

ލިބަރޯއަށް ބަލާއިރު ސައުތް އޭޝިއަން ގޭމްސްގައި ޓީމްގެ ލިބަރޯއަކަށް ކުޅުނު ނުހާ ވަހީދަށް އޮތް ޗެލެންޖް ކުޑައެއްނޫނެވެ. ޝިލްމާ ޒާހިރުވެސް ހުރީ ފުރަތަމަ ފަހަރަށް ޤައުމީ ޖަރޒީގައި ވާދަވެރި މެޗެއް އަދި މުބާރާތެއް ކުޅުމުގެ އުއްމީދުގައެވެ. ނޭޕާލްގައި އޮތް ޓްރެއިނިންގ ކޭމްޕުން ފުރުޞަތު ލިބުނު ނަމަވެސް އެވަރުން ޤައުމީ ޚިދުމަތް ނިންމާލަން އޭނާ ބޭނުމެއް ނުވެއެވެ. ވާދަކޮށް ޓީމަށް އަރަން އެދަނީ ގަދައަށް މަސައްކަތްކުރަމުންނެވެ.

img:http://s1.psmnews.mv/images/660x400/14851560920930.jpg|ޓީމްގެ ދެ ލިބަރޯ: ނުހާ (2) އަދި ޝިލްމާ (4): ފޮޓޯ-ޕީއެސްއެމް

" ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެއްވަރުގެ ދެ ލިބަރޯން ތިބުމަކީ. ކޮންމެ ކުޅުންތެރިއަކު ކޯޓަށް އެރިޔަސް ޔަޤީންކަން އޮވޭ ހަމަ އެއްވަރަށް މޮޅަށް ކުޅޭނެކަން. ސެޓަރަށް ބެލިއަސް ހަމަ އެވަރުގެ ޔަޤީންކަން އޮވޭ " ޓީމްގެ ކެޕްޓަން އައިޝަތު ޝައްފަ ޓީމްގެ ތައްޔާރީތަކާ ގުޅޭގޮތުން " ސްޕޯރޓްސް އިން 25 " ޕްރޮގްރާމްގައި ވާހަކަ ދައްކަމުން  ބުންޏެވެ. 

ޤާއުމީ ޓީމްގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނީ ޓީމްގެ މަޤާމްތަކުގައި ވާދަވެރިކަން އޮވެ، އެއްވަރުގެ މޮޅު ކުޅުންތެރިން ތިބޭނަމަ އެކަމުގެ ފައިދާ މާބޮޑަށްވެސް ކުރާނެކަމަށެވެ. މިހާރު އޮތް ޓީމަކީ އެފަދަ ވާދަވެރިކަން އޮތް ޓީމެއް ކަމަށާއި، އެއީ ބޮޑު ހިތްހަމަޖެހުމަކާއި، އުއްމީދެއް ލިބޭ ކަމެއްކަމަށް އޭނާ ބުންޏެވެ.

" ސެޓަރުވެސް، ލިބަރޯވެސް ވަރަށް ވާދަވެރި. ލިބަރޯއަށް ކުޅޭ ދެ ކުޅުންތެރިންވެސް ސެޓަރަށް ކުޅޭ ދެ ކުޅުންތެރިންވެސް ހަމަ ވަރަށް މޮޅު، ވަރަށް އެއްވަރު" ބޭބެ ބުންޏެވެ.

އަންހެން ޓީމްގެވެސް އެންމެ ބޮޑު ބަލިފަޔަކީ ނުވަތަ ޓީމްގެ މަޤާމްތަކަށް ބަލާއިރު އެންމެ ދަށްކޮށް ފެންނަނީ ޑިފެންސެވެ. ފިރިހެން ވޮލީބޯޅަ ޓީމަށްވެސް އެންމެ ފަހުން ދިމާވި މައްސަލައަކީ އެއީއެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި އަންހެން ޓީމް އެއަންނަނީ އެކަމަށްވެސް މަސައްކަތްކުރަމުންނެވެ. ޓީމްގެ ކުޅުންތެރިންވެސް އަދި ކޯޗުިންގ ޓީމްގެވެސް އުއްމީދަކީ ނޭޕާލް ބަލިކޮށް، އީރާނާއި ފައިޓްކުރުމެވެ. 

އަންނަ ހުކުރު ދުވަހު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމް ވާދަކުރާނީ ނޭޕާލާއެވެ. އާދިއްތަ ދުވަހު ހަވީރު ވާދަކުރާނީ އީރާނާއެވެ.