ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރެއްވުމަށް ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ހައުސިންގ މިނިސްޓަރ މިކަމަށް އެދިވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ހދ. އަތޮޅުގެ ރަށްތަކުގައި ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވައި، ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވުމަށް އެމަނިކުފާނު ހދ. އަތޮޅަށް ކުރައްވާ ޚާއްސަ ދަތުރުފުޅުގައި މިއަދު އެއަތޮޅު ފިނޭ އާއި ހިރިމަރަދޫއަށް ވަޑައިގެން އެރަށްތަކުގެ ކައުންސިލްތަކާއި ޒުވާނުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މިބައްދަލުވުމުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ގެންގުޅުއްވާ ތަސައްވުރާއި ސަރުކާރުގެ އަމާޒު މިނިސްޓަރ ހިއްސާކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގައި ސަރުކާރަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުންދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.
ހދ. ފިނޭ ކައުންސިލާއިއެކު ބޭއްވި ބައްދަލުވުމުގައި ފިނޭ ކައުންސިލްގެ ފަރާތުން ވަނީ އެރަށުގެ ރައްޔިތުން މިވަގުތަށް އެންމެ ބޭނުންވެފައިވާ ކަންކަން ރައީސްގެ ޚާއްސަ މަންދޫބުންނާއި ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި އެ ރަށުގެ ބަނދަރުގެ ދަތިކަމާއި ނަރުދަމާ ނިޒާމެއް ނެތުމާއި ސިއްޙީ އާލަތްތައް ހެލްތް ސެންޓަރުގައި ނެތުން ހިމެނެއެވެ. މީގެއިތުރުން ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުން ވެސް ފިނޭ ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.
މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ވަކިވަކި ދާއިރާތައް ތަރައްޤީކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުން ދެވެންހުރި ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވިއެެވެ. އަދި ސަރުކާރުން މަޝްރޫޢުތައް ހިންގަވަމުން ދަނީ އެއްވެސް އާބާދީއެއް ތަފާތުކުރުމެއްނެތިކަމުގައި އެމެމްބަރުން ފާހަގަރެއްވިއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ މުޢިއްޒުގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީގްރޫޕުގެ ލީޑަރ އަޙުމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.