2016 ވަނަ އަހަރު ތިމަރަފުށީ ޔޫތު ސެންޓަރުން ޚިދުމަތް ހޯދި މީހުންގެ ނިސްބަތް ދެހާސް ފަނަރަ ވަނަ އަހަރާ އަޅާ ބަލާއިރު %47 އިތުރުވެފައިވާކަމަށް ތިމަރަފުށީ ޔޫތު ސެންޓަރުން ހާމަކޮށްފިއެވެ.
ތިމަރަފުށީ ޔޫތު ސެންޓަރުން ދަނީ އެރަށުގެ ޒުވާނުންނާއި ތ.އަތޮޅުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ކުޅިވަރު މުބާރާތްތަކާއި އިޖުތިމާޢީ ޙަރަކާތްތައް ހިންގަމުންނެވެ. އެމަރުކަޒުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2015 ވަނަ އަހަރަށްވުރެ 2016 ވަނަ އަހަރު އެމަރުކަޒުން ގިނަ ޕްރޮގްރާމްތަކެއް ހިންގައި ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ. މިގޮތުން އެމަރުކަޒުން ޚިދުމަތް ހޯދި މީހުންގެ ނިސްބަތް %47 ކުރިއަރާފައިވާއިރު އެމަރުކަޒުން ހިންގި ޓްރެއިންގ ޕްރޮގްރާމްތައް ވަނީ %72 އަށް އިތުރުވެފައެވެ. 2015 ވަނަ އަހަރަށްވުރެ 2016 ވަނަ އަހަރު ތިމަރަފުށީ ޒުވާނުންގެ މަރުކަޒުގައި ކުރި މަސައްކަތްތައް %56 މައްޗައް ގޮސްފައިވާއިރު މުވައްސަސާތަކާ ގުޅިގެން ރަށުފެންވަރުގައި ހިންގި ޕްރޮގްރާމްތައްވެސް ވަނީ %53 ކުރިއަރާފައެވެ.
މީގެއިތުރުން މިދިޔަ އަހަރު ހިންގި ހޭލުންތެރިކަން އިތުރުކުރުވުމުގެ ޕްރޮގްރާމްތައް %16 މަތީގައި އުޅޭއިރު، އެމަރުކަޒުން ހިންގި ކުޅިވަރު މުބާރާތްތައް ވަނީ %24 ކުރިއަރާފައެވެ. މިދިޔަ އަހަރު ތިމަރަފުށީ ޒުވާނުންގެ މަރުކަޒުން 60 ކުޅިވަރު މުބާރާތެއް ހިންގާފައިވާއިރު 15 ތަމްރީން ޕްރޮގްރާމާއި، 6 އެވެއާރނަސް ޕްރޮގްރާމް ވަނީ ހިންގާފައެވެ.
ތިމަރަފުށީ ޒުވާނުންގެ މަރުކަޒު ހިންގެވުމާ ޙަވާލުވެ ހުންނެވި އަޙްމަދު ނާޞިރު ވިދާޅުވީ، ޔޫތު ސެންޓަރުގެ ސަބަބުން ޒުވާނުންގެ އުޅުމަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި ކުށްކުރާ ޒުވާނުން ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އަދި ޒުވާނުންގެ އަޚްލާޤް ރަނގަޅުކުރެއްވުމަށް އެމަރުކަޒްގައި އެކަމަށް ޚާއްޞަ ޤަވާއިދުތަކެއް ހައްދަވައި އެކަން ތަންފީޒް ކުރައްވަމުން ގެންދަވާކަން ވެސް ނާޞިރު ފާހަގަކުރެއްވިއެވެ.
"2016 ވަނަ އަހަރު ވަރަށް ގިނަ ޕްރޮގްރާމްތަކާއި މުބާރާތްތައް އަޅުގަނޑުމެން ކުރިއަށް ގެންދިޔައިން. އޭގެ ނަތީޖާއެއްގެ ގޮތުން 2016 ވަނަ އަހަރު ޔޫތު މިނިސްޓްރީން ވަނީ ތިމަރަފުށީ ޒުވާނުންގެ މަރުކަޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ޒުވާނުންގެ މަރުކަޒްތަކުގެ ތެރެއިން ނަމޫނާ ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި އައްޔަންކޮށް އެކަން އިއުލާން ވެސް ކޮށްފަ. އިރާދަކުރެއްވިއްޔާ މިއަހަރުވެސް އެނަން ހިފަހައްޓަން ވަރަށް މަސައްކަތް ކުރާނަން." އަޙުމަދު ނާޞިރު ވިދާޅުވިއެވެ.
ތިމަރަފުށީ ޒުވާނުންގެ މަރުކަޒުން ޚިދުމަތް ހޯދާ ޒުވާނުން ބުނީ، އެމަރުކަޒުގެ ސަބަބުން ބޭކާރު ގޮތުގައި ރަށުތެރޭގައި އުޅެން މިހާރު ވަގުތުނޯންނަކަމަށެވެ. އަދި ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ސަރުކާރާއި ޔޫތު މިނިސްޓްރީން ކުރައްވާ މަސައްކަތް އެ ޒުވާނުން ފާހަގަކުރިއެވެ.
ތިމަރަފުށީ ޒުވާނުންގެ މަރުކަޒް ފާހަގަކުރެވިފައިވަނީ ރަށު ފެންވަރާއި އަތޮޅު ފެންވަރުގައިވެސް ކުޅިވަރާއި އިޖުތިމާޢީ ޙަރަކާތްތައް ގިނައިން ހިންގަވާ ޙަރަކާތްތެރި މަރުކަޒެއްގެ ގޮތުގައެވެ.