ވިލާ ކުންފުނިން ހިންގަމުންދިޔަ ގދ. ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަންގަވާ، އދ. މާމިގިލީ އިންޓަރނޭޝަނަލް އެއަރޕޯޓް ޑޮމެސްޓިކް އެއަރޕޯޓަކަށް ބަދަލުކުރައްވައިފިއެވެ.
ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓް ސަރުކާރަށް ނެންގެވީ ސިވިލް އޭވިއޭޝަންގެ ބައެއް ޤަވައިދުތަކާ ޚިލާފުވެފައިވާތީ ކަމަށެވެ. ސިވިލް އޭވިއޭޝަނުން ޤަވާއިދުން ހުރިހާ އެއަރޕޯޓްތަކެއްވެސް ހިންގަމުން އަންނަ ގޮތް މޮނިޓަރ ކުރައްވަމުން ގެންދަވާކަމަށާއި އަދި މިގޮތަށް ބެއްލެވުމަށްފަހު ފާހަގަކޮށްލެވޭ ކަންކަން ރަނގަޅުކުރުމަށް އަންގާފައިވާނެކަމަށެވެ.
ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވީ އިދާރީ ގޮތުން ނިންމަވަންހުރި ކަންކަން ނިންމެވުމަށްފަހު ކުރިއަށްއޮތް 15 ދުވަހުގެ ތެރޭގައި މި އެއަރޕޯޓް ސަރުކާރުން ހިންގަވަން ފަށްޓަވާނެކަމަށެވެ. މީގެއިތުރުން މާމިގިލީ އެއަރޕޯޓް ޑޮމެސްޓިކް އެއަރޕޯޓަކަށް ބަދަލުކުރެއްވީ ސަރުކާރުން ވިލާ ޓްރޭޑް އެންޑް ޝިޕިންގއާއެކު ހައްދަވާފައިވާ އެއްބަސްވުމާ އެއްގޮތަށް އެއަރޕޯޓް ހިންގުމަށް ދަތިވާތީ އެކުންފުނިން ސަރުކާރުގައި އެދުމުންކަމަށްވެސް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވިއެވެ. އަދި މާމިގިލީ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަމުން އަންނަނީ ގެއްލުމުގައި ކަމަށް އެފަރާތުން ހާމަކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.
މާމިގިލީ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ލައިސަންސް ބާޠިލްކުރައްވާފައި ވާނީ މިއަދުއެވެ. އެހެންކަމުން މިއަދުން ފެށިގެން މި އެއަރޕޯޓުން އިންޓަރނޭޝަނަލް އެއްވެސް ޚިދުމަތެއް ނުލިބޭނެކަމަށް ރީޖަނަލް އެއަރޕޯޓުން މަޢުލޫމާތު ދެއްވައެވެ.