ޞިއްޙީ ދާއިރާއިން މިއަހަރު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނީ މިހާރު ދެއްވަމުން އަންނަ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، އަތޮޅުތެރޭގައި ޞިއްޙީ ޚިދުމަތް ދެއްވާ ތަންތަނުގައި އާ ޚިދުމަތްތަކެއް ތަޢާރަފްކުރެއްވުމަށް ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކޮށް ކުރިއަރުވާ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަޢުދެކެވެ. މި ސިޔާސަތުގެ ތެރެއިން ފާއިތުވި ތިން އަހަރުގެ ތެރޭގައި މިދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާ ގިނަ ޚިދުމަތްތަކެއް ފުޅާކުރައްވާފައިވެއެވެ. މިމަސައްކަތުގެ ތެރޭގައި އައިޖީއެމްއެޗް ޢިމާރާތް މަރާމާތުކުރައްވާ، އެތަނުގައި މުޅިން އާ ޚިދުމަތްތަކެއް ވަނީ ފަށްޓަވާފައެވެ.
އެގޮތުން ކިޑްނީގެ ބަލިތަކާއި، ހިތުގެ ބަލިތަށް ފަދަ ކުރިން ރާއްޖެއިން ފަރުވާނުކުރެވޭ ބަލިތަކަށް އައިޖީއެމްއެޗުގައި ފަރުވާކުރެވޭނެ އިންތިޒާމް މިހާރުވަނީ ހަމަޖައްސަވާފައެވެ.
ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިއަހަރު އަލަށް އިތުރު ޚިދުމަތްތަކެއް އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ތަޢާރަފްކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
''އަތޮޅުތެރޭގައި ޑެންޓަލް ޚިދުމަތް ފުޅާކުރުމާއި، ކުދިކުދި ރަށްތަކުގައި ސްޕެޝަލިސްޓުން ބައިތިއްބައިގެން ޚިދުމަތްދިނުމަކީ ވަރަށް ބޮޑު އުނދަގޫ ކަމެއް.އެހެންވެސް ކައިރީގައި ހުންނަ އަތޮޅު ހޮސްޕިޓަލްތަކުން ސްޕެޝަލިސްޓުން ގެންގޮސް އައުޓްރީޗް ޕްރޮގްރާމް ހަރުދަނާއެކު ހިންގަން ވަނީ ނިންމާފައި'' ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި 23 ހޮސްޕިޓަލާއި، 187 ހެލްތު ސެންޓަރު ޤާއިމްކުރައްވާފައިވެއެވެ.