17 ވަނަ ސާރކް ސަމިޓަށް އައްޑޫ ސިޓީން އެއްގަމު އުޅަނދުތައް ކުއްޔަށް ހިފާފައިވަނީ ޢާންމު ރޭޓްތަކަށްވުރެ ބޮޑުއަގުގައިކަމަށް ސާރކް ސަމިޓްގެ އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައި ވީނަމަވެސް، މިކަމުގައި ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވާވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން 2013 ވަނަ އަހަރު ނެރުއްވާފައިވާ "17 ވަނަ ސާކް ސަމިޓަށް ލިބުނު އެހީއާއި ކުރެވުނު ޚަރަދުގެ ޙާއްޞަ އޮޑިޓް ރިޕޯޓު" ގައި ވަނީ 2011 ވަނައަހަރު އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާރކް ސަމިޓްގެ ބޭނުންތަކަށް އައްޑޫ ސިޓީން އެއްގަމު އުޅަންދު ކުއްޔަށް ހިފާފަވަނީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްގައި ކަމަށެވެ. އެގޮތުން ސާރކް ސަމިޓާ ދިމާކޮށް ކުށްޔަށްހިފި 21 ވެހިކަލްއަކަށް 1.4 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.
މިމައްސަލަ ތަޙްޤީޤް ކުރެއްވުމަށްފަހު އޭސީސީން ނެރުއްވި ރިޕޯޓްގައި ބަޔާން ކުރައްވާފައިވަނީ، ސާރކް ސަމިޓަށް އައްޑޫ ސިޓީން ކުއްޔަށްހިފި އުޅަނދުތައް ކުއްޔަށް ހިފާފައިވަނީ ޤާނޫނުގައިވާގޮތަށް ބިޑް އުސޫލުންކަމަށެވެ. އަދި އުޅަނދުތައް ކުއްޔަށް ހިފާފައިވަނީ ޢާންމު އަގަށްވުރެ ބޮޑު އަގެއްގައިކަން ތަޙްޤީޤަށް ފާހަގަކުރެއްވުނު ނަމަވެސް އުޅަނދުތަކުގެ ކުލި އެހާ މައްޗަށް ގޮސްފައިވަނީ އެދުވަސްވަރު ޑިމާންޑް އޮތް ވަރަށް ބަލައި އުޅަނދުތަކުގެ ވެރި ފަރާތްތަކުން ކުލި ބޮޑުކޮށްފައިވާތީކަން ތަޙްޤީޤަށް އެނގިފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ. މީގެއިތުރުން ކުއްޔަށް ހިފި އުޅަނދުތަކަށް ފައިސާ ދައްކާފައިވަނީ ކަނޑައެޅިފައިވާ އުސޫލުންކަމަށް ތަޙްޤީޤަށް ހާމަވެފައިވާކަމަށް ވެސް އޭސީސީން ވިދާޅުވެއެވެ.
ކުށްޔަށް ހިފި ވެހިކަލްތަކުން ކޮށްފައިވާ ދަތުރުތަކުގެ ރެކޯޑް ބަލަހައްޓާފައި ނުވުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމުގައި ވީނަމަވެސް، ޖިނާއީ ދައުވާއެއް ސާބިތުކުރެވޭވަރަށް މިމައްސަލައިގައި ހެއްކާއި ޤަރީނާ ލިބިފައި ނުވާތީ މިކަމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ތަޙްޤީޤަށް ބެލެވެން ނެތްކަމަށް އޭސީސީން ވަނީ ކަނޑައަޅުއްވާފައެވެ.